Last Updated: June 6, 11:37
Saturday, June 6, 2026
މުނިފޫހިފިލުވުން

"ސްޕިރިޓް" ގެ ފުރަތަމަ ޕޯސްޓަރު ޝައުގުވެރި

ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ރަންބީރް ކަޕޫރްގެ "އެނިމަލް" އަށް ފަހު، އޭގެ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ ގެނެސްދޭން އުޅޭ އާ ފިލްމު "ސްޕިރިޓް" ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި އެވެ.

މިދިޔަ ނޮވެމްބަރުން ފެށިގެން ފިލްމުގެ ޝޫޓިން ކުރިއަށްދާ އިރު، ދައްކައިލި ފުރަތަމަ ޕޯސްޓަރުގައ ފިލްމުގެ ލީޑް ތަރިން ކަމަށްވާ ޕްރަބާސް އާއި ޓްރިޕްތީ ދިމްރީ ފެނިގެން ދަނީ ޝައުގުވެރި ގޮތަކަށެވެ. އެގޮތުން ޒަހަމްވެފައިވާ ހަށިގަނޑުގެ އެކި ތަންތަނުގައި ޕްރަބާސް ބޭސް އަޅައިގެން ހުންނަ އިރު، ޓްރިޕްތީ ފެންނަނީ އޭނަ އަށް ސިނގިރެޓެއް ރޯކޮށްދޭ ތަނެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ސްޕިރިޓް" ގައި ޕްރަބާސް ފެންނާނީ ފުލުހެއްގެ ރޯލުންނެވެ. އަދި ޓްރިޕްތީގެ ކެރެކްޓާ އަކީ ޑޮކްޓަރެއްގެ ރޯލެވެ. ފިލްމުގެ ޕޯސްޓަރަށް ބަލާލާ އިރު، މި ފިލްމަކީ "އެނިމަލް" ގޮތަށް ވަރަށް ބޯލްޑް ފިލްމަކަށް ވާނެ ކަމަށް ބެލެވެ އެވެ. އަދި މިއީ "އެނިމަލް" އަށް ފަހު، ސަންދީޕްއާ އާ އެކު ޓްރިޕްތީ މަސައްކަތްކުރާ ދެވަނަ ފިލްމު ވެސް މެ އެވެ.

ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާންކޮށްފައި ނުވާ އިރު، މިއީ ވަރަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމެކެވެ. ބެލެވޭ ގޮތުން ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކުރާ ފިލްމު "ސްޕިރިޓް" މި އަހަރު ސިނަމާތަކަށް ގެންނާނެ އެވެ.

"ބާހްބަލީ" ކުޅެގެން ބޮޑު މަޝްހޫރު ކަމެއް ލިބުނު ޕްރަބާސްގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 10 ގައި ރިލީޒްކުރި ހޮރޯ-ކޮމެޑީ "ދަ ރާޖާސާބް" އެވެ. ޓްރިޕްތީގެ ކުރިއަށް ފިލްމަކީ އަންނަ މަހުގެ 13 ގައި ގެނެސްދޭން ތައްޔާރުވަމުން އަންނަ ޑައިރެކްޓަރު ވިޝާލް ބަރަދްވާޖްގެ އެކްޝަން ތުރިލާ "އޯ، ރޯމިއޯ" އެވެ. މީގެ ބަތަލަކީ ޝާހިދު ކަޕޫރެވެ.