Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

އިސްރަށްވެހިންނަށް އުރީދޫން ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމެއް

މި އަހަރުގެ ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމުތައް ފެށުމުގެ ގޮތުން އިސްރަށްވެހިންގެ ނާދީއާއެކު މާލެ އާއި ހުޅުމާލޭގައި އުރީދޫން ސެޝަންތަކެއް ކުރިއަށް ގެންގޮސްފި އެވެ.

އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ މި ޕްރޮގްރާމަކީ މިއަދުގެ ޑިޖިޓަލް ދުނިޔެ އިތުރަށް ރަނގަޅަށް އޮޅުންފިލުވައި ދިނުމަށް ބައިވެރިންނަށް އެހީތެރިވެދޭ ޕްރޮގްރާމެއް ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން ސެޝަންތަކުގެ ތެރޭގައި ސްމާޓްފޯން ބޭނުން ކުރުމާއި، ޑިޖިޓަލް ހިދުމަތްތަކާއި، އާންމު ދިރިއުޅުމަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށް ދިނުމަށް ބޭނުން ކުރެވޭ ޕްރެކްޓިކަލް އޮންލައިން ޓޫލްސް ހިމެނެ އެވެ.

މި އިނީޝިއޭޓިވްގެ ސަބަބުން އުރީދޫން އިންކްލޫސިވް ޑިޖިޓަލް ކުރިއެރުމަށް ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދެ އެވެ.

ޓެކްނޮލޮޖީ ކުރިއަރަމުން ދާއިރު މުޖުތަމައުގެ އެއްވެސް ބަޔަކު އަދި ހާއްސަކޮށް އިސްރަށްވެހިން ބާކީނުކޮށް އުމުރުން ދުވަސްވީ މީހުންގެ ބޭނުންތަކާއި ސެޝަންތައް ބަދަލުކޮށް މި ޕްރޮގްރާމްގެ ސަބަބުން އުނގެނުމުގެ މާހައުލު ވަރަށް ފުރިހަމައަށް ފަހިކޮށްދެ އެވެ.

އުރީދޫން އަންނަނީ 2018 އިިން ފެށިގެން މެދުނުކެނޑި ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންނެވެ.

މި މަސައްކަތަކީ ޑިޖިޓަލީ އިންކްލޫސިވް ރާއްޖެއެއް ބިނާކުރުމަށާއި ޖީލުތަކުގެ މެދުގައި އޮތް ޑިޖިޓަލް ފަރަގު ކުޑަކުރުމަށް އެ ކުންފުނިން ކުރަމުން އަންނަ ބޮޑު މަސައްކަތުގެ ތެރެއިން ކުރަމުން އަންނަ މަސައްކަތެކެވެ. އުރީދޫން ބުނީ މިފަދަ ހަރަކާތްތަކުގެ ތެރެއިން މުޖުތަމައު ބާރުވެރިކުރުވައި، ޑިޖިޓަލް ދުނިޔެއެއްގައި މުޅި އުމުރަށް އުނގެނުމުގެ ހުނަރު ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާ ކުރެވޭނެ ކަމަށެވެ.