އިންޑިއާގެ ކޯސްޓްގާޑް އުޅަނދެއް، ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ގިލިލަންކަންފުށީ ފަރަށް އަރައިފި އެވެ.
ކ. ހިންމަފުށީ ފަޅުތެރޭގައި އޮންނަ އެ ރިސޯޓުގެ ފަރަށް އިންޑިއާގެ އަސްކަރީ އުޅަނދު އެރީ ކޮން އިރަކުކަން ކަށަވަރު ނުވި ނަމަވެސް އެ އުޅަނދުގެ ބޮޑު ބައެއް އޮތީ ރިސޯޓުގެ ފަރުމަތީގަ އެވެ.
އިންޑިއާގެ ކޯސްޓްގާޑުގެ އުޅަނދެއް ރާއްޖޭގެ ފަރަކަށް އެރި ހާދިސާއާ ބެހޭ ގޮތުން އެމްއެންޑީއެފުން އަދި ވަކި އެއްޗެއް ނުބުނެ އެވެ. ނަމަވެސް އިންޑިއާ ސިފައިންނާއި ދިވެހި ސިފައިން އެ އުޅަނދު ފުންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެނގިފައވެ އެވެ.
ރާއްޖޭގައި މިފަދަ ހާދިސާތައް ވަރަށް ގިނައިން ރާއްޖޭގެ އެކި ހިސާބުތަކުގެ ފަރުތަކަށް މީގެ ކުރިން ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. އަދި މިފަދަ ހާދިސާތަކާ ގުޅިގެން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ވެސް ކުރެ އެވެ.