މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 99،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އަހަރުގެ ފުރަތަމަ 14 ދުވަހުގެ ތެރޭގައި 99،350 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި 90،659 ފަތުރުވެރިންނަށްވުރެ 9.6 ޕަސެންޓް އިތުރު އަދަދެކެވެ.
މި އަހަރުގެ ފުރަތަމަ 10 ދުވަހު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރީ ރަޝިއާއިންނެވެ. އެ ގައުމުން 16،868 ފަތުރުވެރިން ޒިޔާރަތް ކުރި އެވެ. ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރީ އިޓަލީންނެވެ. އެ ގައުމުން 11،987 ފަތުރުވެރިން ޒިޔާރަތް ކުރި އެވެ.
ރާއްޖޭގައި މިވަގުތު 179 ރިސޯޓާއި 976 ގެސްޓްހައުސް އާއި 173 ސަފާރީ އުޅަނދު އަދި 16 ޓޫރިސްޓް ހޮޓާ ދަނީ ހިންގަމުންނެވެ. މި ފެސިލިޓީތަކުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 67،787 އެވެ.