Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

އެމްޑީޕީން ކައުންސިލް އިންތިހާބުގެ ގިނަ ގޮނޑިތަކެއް ނަގާނެ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ގިނަ ގޮނޑިތަކެއް އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެެ އެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވޯޓުލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން އިބޫ ވިދާޅުވީ ސަރުކާރުން ކުރިމަތި ކުރުވާ ދަތިތައް އެބަހުރި ކަމަށާއި ނަމަވެސް ކައުންސިލް އިންތިހާބުގެ ގިނަ ގޮނޑިތަކެއް އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް ކަމަށެވެ.

"ވަރަށް ބޮޑު އުއްމީދެއް އެބައޮތް، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެގެން އެންމެ ގިނަ ގޮނޑި ނަގާ ފަހަރަކަށް މިފަހަރު އެމްޑީޕީ ވެގެންދާނެ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ މިއަދު ކުރިއަށްދާ ޕްރައިމަރީން ކޮންމެ ނަތީޖާއެއް ނިކުތް ނަމަވެސް އެންމެން އެއްވެގެން ކުރިއަށްދިޔުމަކީ އެމަނިކުފާނުގެ އެދިވަޑައިގަތުމެއް ކަމަށެވެ. އެގޮތަށް އެކަން ނުކޮށްފިނަމަ ކުރިމަތިވާނެ ދެރަގޮތް މިހާރު އެމްޑީޕީއަށް އޮތީ ކުރިމަތިވެފައި ކަމަށާއި އެހެން ނުވާނެ ގޮތަށް ޕާޓީގެ ލީޑަޝިޕާއި މެމްބަރުން މަސައްކަތް ކުރެއްވުމަށް އިބޫ އެދިވަޑައިގެންނެވި އެވެ.

ޖުމްލަ 154 ކެންޑިޑޭޓުން ވާދަކުރާ މި ޕްރައިމަރީ މިރޭ 8 ޖެހުމާ ހަމައަށް ކުރިއަށްދާނެ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ އެޕްރީލް 4 ގަ އެވެ.

މި އިންތިޚާބުގައި ޖުމްލަ 226 ދާއިރާއަކުން، ކައުންސިލްތަކުގެ މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބު ކުރާނެ އެވެ.