ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ އާ ފިލްމު "ސްޕިރިޓް" އަންނަ އަހަރަށް ތާވަލުކޮށްފި އެވެ.
ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކުރާ މި ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ މާޗް 5 ގައި މިއަދު އިއުލާންކުރި އިރު، މީގެ ޝޫޓިން މިދިޔަ ނޮވެމްބަރުން ފެށިގެން ދަނީ ކުރިއަށެވެ.
"ސްޕިރިޓް" ގެ ލީޑް ތަރިންނަކީ ޕްރަބާސް އާއި ޓްރިޕްތީ ދިމްރީ އެވެ.
ރިޕޯޓްތައް ބުނާ ގޮރުން ފިލްމުގައި ޕްރަބާސް ފެންނާނީ ފުލުހެއްގެ ރޯލުންނެވެ. އަދި ޓްރިޕްތީގެ ކެރެކްޓާ އަކީ ޑޮކްޓަރެއްގެ ރޯލެވެ. މިއީ ސަންދީޕް 2023 ގައި ރަންބީރް ކަޕޫރާ އެކު ގެނެސްދިން ކާމިޔާބު ފިލްމު "އެނިމަލް" ގައި ޓްރިޕްތީ ކުޅުނު ރޯލަށް ފަހު، އޭނަގެ ފިލްމަކުން ލީޑް ލިބުނު ފުރަތަމަ ފަހަރެވެ.
އޭގައި ޓްރިޕްތީ ކުޅުނު ކުރު، އެކަމަކު ބޯލްޑް ރޯލުގެ ސަބަބުން އޭނަ އަށް ވަރަށް ބޮޑު މަޝްހޫރު ކަމެއް ލިބި، އޭގެ ފަހުން ގިނަ ހުށަހެޅުންތަކެއް އަންނަނީ ލިބެމުންނެވެ. ބާރަށް ކުރިއަރަމުން އަންނަ ބަތަލާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 13 ގައި ގެނެސްދޭން ތައްޔާރުވަމުން އަންނަ ޑައިރެކްޓަރު ވިޝާލް ބަރަދްވާޖްގެ އެކްޝަން ތުރިލާ "އޯ، ރޯމިއޯ" އެވެ.
އޭގެ ބަތަލަކީ ޝާހިދު ކަޕޫރެވެ.
"ބާހްބަލީ" ކުޅެގެން ބޮޑު މަޝްހޫރު ކަމެއް ލިބުނު ޕްރަބާސްގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 10 ގައި ރިލީޒްކުރި ހޮރޯ-ކޮމެޑީ "ދަ ރާޖާސާބް" އެވެ.