Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

އެމްޑީޕީގެ މާލޭ މޭޔަރު ޓިކެޓް އާދަމް އާޒިމަށް

މާލޭގެ މޭޔަރު އާދަމް އާޒިމް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ މާލޭ ސިޓީގެ މޭޔަރުކަމުގެ ޓިކެޓް، މާލޭގެ މިހާރުގެ ވެސް މޭޔަރު އާދަމް އާޒިމަށް ލިބިއްޖެ އެވެ.

ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވުމަށް މިއަދު ބޭއްވި ޕްރައިމަރީގައި އާދަމް އާޒިމް މާލޭގެ މޭޔަރުކަމުގެ ޓިކެޓް ކަށަވަރުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމްއާ ވާދަކޮށްގެންނެވެ.

މިހާތަނަށް ގުނި ހުރިހާ ފޮށްޓެއްހެން ކާމިޔާބު ކުރައްވާފައިވަނީ އާދަމް އާޒިމް ކަމަށްވާއިރު، އޭނާ މި ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވެނީ ބޮޑު ތަފާތަކުންނެވެ.

އާދަމް އާޒިމް މާލޭގެ މޭޔަރު ކަމަށް އިންތިހާބުވީ މިދިޔަ އަހަރުގެ ޖެނުއަރީ 22 ގަ އެވެ.

އެ އިންތިހާބު އާޒިމް ކާމިޔާބުކުރެއްވީ މިހާރު ސިޓީ ކައުންސިލްގެ ކައުންސިލަރަކަށް ހުންނެވި މުހައްމަދު ސައިފް ފާތިހާއި ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދުއާ ވާދަކުރައްވަ އެވެ.

އެމްޑީޕީގެ މާލެ ދާއިރާގެ ރައީސްގެ މަގާމުގައި ވެސް މިހާރު ހުންނެވި އާދަމް އާޒިމް އަކީ އެމްޑީޕީ ވެރިކަމުގައި އެމްޓީސީސީގެ ސީއީއޯ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު އޮންނާނީ މިއަހަރުގެ އެޕްރީލް 4 ގަ އެވެ.