Last Updated: June 5, 20:43
Friday, June 5, 2026
ރިޕޯޓް

ރަސޫލާ އަށް ނަސްރު ދިނުން!

އޭ ﷲ ގެ މުއުމިނު އަޅާއެވެ. މި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ކިޔަމަންތެރިވާ، ތަބާވާ މީހުންގެ ތެރެއިން ވާށެވެ. ކާފިރުންނަށް ވާގިވެރިނުވާށެވެ. އަދި ކިއެއްތަ ކާފިރުންނީ ޢާލަމްތަކުގެ ވެރި ﷲ އެބަޔަކުދެކެ ކޯފާއިސްކުރައްވާފައިވާ ބައެކެވެ. އެމީހުންނާ ވައްތަރު ނުވާށެވެ.

ހަމަކަށަވަރުން ވެސް ބަޔަކާ ވައްތަރުވެގެންފި މީހަކު ވަނީ އެމީހުންގެ ތެރެއިންނެވެ. ތިބާގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް، ތަބާވުމުންނާއި، ލޯބިވުމުންނާއި މުޝްރިކުންނާ ގުޅުންކެނޑުމުން، ނަޞްރުދޭށެވެ. ﷲ ތަޢާލާ އެއިލާހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ނަޞްރު ދެއްވާނެ އެވެ. އަދި އެކަލޭގެފާނުގެ ބަސްފުޅު މަތިވެރި ކުރައްވާނެ އެވެ. މުޝްރިކުން ނުރުހުނުކަމުގައިވިޔަސް މެއެވެ. މުނާފިޤުން ނުރުހުނު ކަމުގައިވިޔަސް މެއެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެ އެވެ.

﴿وَمَنْ يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَنْ يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ﴾ [آل عمران، الآية: 85]

މާނައީ: “އަދި ދީނެއްކަމުގައި އިސްލާމްދީން ނޫން ދީނެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އޭނާގެ ކިބައިން އެކަން ޤަބޫލުނުވެވޭ ހުއްޓެވެ. އަދި އާޚިރަތުގައި އޭނާ ވާނީ ގެއްލިހަލާކުވެގެންވާ މީހުންގެ ތެރެއިންނެވެ.”

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

((وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ، لَا يَسْمَعُ بِي أَحَدٌ مِنْ هَذِهِ الْأُمَّةِ يَهُودِيٌّ، وَلَا نَصْرَانِيٌّ، ثُمَّ يَمُوتُ وَلَمْ يُؤْمِنْ بِالَّذِي أُرْسِلْتُ بِهِ، إِلَّا كَانَ مِنْ أَصْحَابِ النَّارِ)) [رواه مسلم 153]

މާނައީ: “އެފަރާތެއްގެ އަތްޕުޅުގައި މުޙައްމަދުގެފާނުގެ ފުރާނަފުޅުވާ ފަރާތް ގަންދީ ބުނަމެވެ. މި އުންމަތުގެ އެއްވެސް މީހަކު، އެއީ ޔަހޫދީއެއް ކަމުގައިވިޔަސް އަދި ނަޞާރާއެއް ކަމުގައިވިޔަސް، ތިމަންކަލޭގެފާނުގެ ބަސްފުޅު އަޑުއަހާ ކަމުގައި ނުވެއޭ، އެއައިގެން ތިމަންކަލޭގެފާނު ފޮނުއްވުނު އެއްޗަށް (ޤުރުއާނަށް) އީމާންނުވެ މަރުވެއްޖިއްޔާ، އެއީ ނަރަކައިގެ އަހުލުވެރިންގެ ތެރެއިން ވާ މީހަކު ކަމުގައި ނުވާ” މިއެވެ.

އެކަލޭގެފާނުގެ ދަޢުވަތަކީ އެންމެހާ އިންސިންނާއި ޖިންނީންނަށް، ޤިޔާމަތާ ޖެހެންދެން ޢާއްމުވެގެންވާ ދަޢުވަތެކެވެ. އެކަލޭގެފާނަށް އުނދަގޫކޮށް އެއްޗިހިކިޔާ މީހުންނަށް ދުނިޔެއާ އާޚިރަތުގައިވެސް ﷲ ތަޢާލާ އެކަމުގެ ޢިޤާބު ދެއްވައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

إِنَّ الَّذِينَ يُؤْذُونَ اللَّهَ وَرَسُولَهُ لَعَنَهُمُ اللَّهُ فِي الدُّنْيَا وَالْآخِرَةِ وَأَعَدَّ لَهُمْ عَذَابًا مُهِينًا [الأحزاب، الآية: 57]

މާނައީ: “ހަމަކަށަވަރުން، ﷲ އާއި އެއިލާހުގެ ރަސޫލާއަށް އުނދަގޫކުރާ މީހުން (ދަންނާށެވެ!) ﷲ، އެބައިމީހުންނަށް ދުނިޔެއާއި އާޚިރަތުގައި ލަޢުނަތް ލެއްވިއެވެ. އަދި އެއިލާހުގެ އިހާނަތްތެރި ޢަޛާބު އެބައިމީހުންނަށްޓަކައި ތައްޔާރުކުރެއްވިއެވެ.”
އަދިވެސް ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. 

أُولَٰئِكَ الَّذِينَ لَعَنَهُمُ اللَّهُ وَمَنْ يَلْعَنِ اللَّهُ فَلَنْ تَجِدَ لَهُ نَصِيرًا [النساء، الآية: 52]

މާނައީ: “އެބައިމީހުންނީ ހަމަ ﷲ ލަޢުނަތް ލައްވާފައިވާ މީހުންނެވެ. ﷲ ލަޢުނަތް ލައްވާ މީހާ، (ދަންނާށެވެ!) ފަހެ، އެމީހަކަށް އެހީތެރިވާނޭ މީހަކު ތިބާޔަކަށް ނުވާނެއެވެ.”

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެއްޗިހި ކިޔައިފިމީހަކަށް ﷲ ގެ ލަޢުނަތާއި މަލާއިކަތުންގެ ލަޢުނަތާއި މީސްތަކުންގެ ލަޢުނަތް ވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް އެއްޗިހި ކިޔާ މީހުންނާ ބެހޭ ގޮތުން ޙައްސާނު ބިން ޘާބިތު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ.

هَجَوتَ مُحَمَّداً فَأَجَبْتُ عَنْهُ
وَعِنْدَ اللهِ فِي ذَلِكَ الجَزَاءُ
فَإِنَّ أَبِي وَوَالِدَتِي وَعِرْضِي
لِعِرْضِ مُحَمَّدٍ مِنْكُمْ وِقَاءُ

ތިބާ ތިޔަ އެއްޗިހި ކީ މުޙައްމަދާ ދިމާއަށެވެ. އެކަލޭފާނުގެ ފަރާތުން އަހަރެން ޖަވާބުދެމެވެ. ތިކަމުގެ ޖަޒާ ވަނީ ﷲ ގެ ޙަޟްރަތުގަ އެވެ.

ކަލޭމެންގެ ފަރާތުން މުޙައްމަދުގެފާނުގެ އަބުރުގެ ދިފާޢުގައި އަހަރެންގެ ބައްޕައާއި މަންމައާއި އަހަރެންގެ އަބުރު އައްޑަނައަކަށް ހަދަމެވެ.

މިއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބިވުމާއި، އެކަލޭގެފާނަށް ނަޞްރުވެރިވުމާއި އެކަލޭގެފާނުގެ ދީނަށް ތަބާވުމާއި، އެ ދީނަށް ފާޅުގައި އަދި ސިއްރުގައި ޢަމަލުކުރުމާއި، އެކަލޭގެފާނުގެ ސުންނަތަށް ޢަމަލުކުރުމާ އެ ސުންނަތް ދިފާޢުކުރުމާއި އެކަލޭގެފާނުގެ ޢާއްމު ރިސާލަތާ ބެހޭ ކުޑަކުޑަ މިންވަރެކެވެ

وصلوات الله وسلامه عليه، وعلى آله وأصحابه أجمعين

ނޯޓް: މިއީ ޝައިހް މުހައްމަދު ޝާފިއުގެ ލިޔުއްވުމެކެވެ.