Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

އާދަމް އާޒިމްގެ ހިދުމަތް އެމްޑީޕީ މެމްބަރުން ބަލައިގެންފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ މާލޭ ސިޓީގެ މޭޔަރުކަމުގެ ޓިކެޓް ކަށަވަރުކުރެއްވި، މާލޭގެ މިހާރުގެ ވެސް މޭޔަރު އާދަމް އާޒިމްގެ ހިދުމަތް އެމްޑީޕީގެ މެމްބަރުން ބަލައިގެންފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެެ އެވެ.

ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވުމަށް މިއަދު ބޭއްވި ޕްރައިމަރީގައި އާދަމް އާޒިމް މާލޭގެ މޭޔަރުކަމުގެ ޓިކެޓް ކަށަވަރުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމްއާ ވާދަކޮށްގެންނެވެ.

އާޒިމަށް މަރުހަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިބޫ ވިދާޅުވީ އާދަމް އާޒިމް ހޯއްދެވި ކާމިޔާބީއަކީ މާލޭ މޭޔަރު ކަމުގައި ހުންނަވައިގެން މާލޭގެ ރައްޔިތުންނަށް ކޮށްދެއްވި ޚިދުމަތްތައް އެމްޑީޕީގެ މެންބަރުން ބަލައިގަތް ކަމެއް ކަމަށެވެ.

އަދި ކެމްޕެއިން ތެރޭގައި ވަރަށް ގިނަ މާލޭގެ މެންބަރުންނާ ބައްދަލުވެފައިވާނެ ކަމަށާއި އަދިއެ މީހުންގެ އިހުސާސްތަކާ އެމީހުންއެދޭ ގޮތްތައް ވެސް އިވިފައިވާނެކަން ފާހަގަކުރައްވަމުން އިބޫ ވަނީ މޭޔަރު ކަމަށް އަލުން ހޮވިއްޖެނަމަ އެ އިހުސާސްތަކާ އެ ހުށަހެޅުންތަކަށް އަމަލީ ސިފަ ގެންނެވުމަށް މަސައްކަތް ކުރެއްވުމަށް އިލްތިމާސްކުރައްވާފަ އެވެ.

އާދަމް އާޒިމް މާލޭގެ މޭޔަރު ކަމަށް އިންތިހާބުވީ މިދިޔަ އަހަރުގެ ޖެނުއަރީ 22 ގަ އެވެ.

އެ އިންތިހާބު އާޒިމް ކާމިޔާބުކުރެއްވީ މިހާރު ސިޓީ ކައުންސިލްގެ ކައުންސިލަރަކަށް ހުންނެވި މުހައްމަދު ސައިފް ފާތިހާއި ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދުއާ ވާދަކުރައްވަ އެވެ.

އެމްޑީޕީގެ މާލެ ދާއިރާގެ ރައީސްގެ މަގާމުގައި ވެސް މިހާރު ހުންނެވި އާދަމް އާޒިމް އަކީ އެމްޑީޕީ ވެރިކަމުގައި އެމްޓީސީސީގެ ސީއީއޯ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު އޮންނާނީ މިއަހަރުގެ އެޕްރީލް 4 ގަ އެވެ.