Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ރައްޔިތުން އެދެނީ އެމްޑީޕީގެ ވެރިކަމަކަށް: އާޒިމް

ރައްޔިތުން އެދެމުން ދަނީ އެމްޑީޕީގެ ވެރިކަމަކަށް ކަމަށް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ މާލޭ މޭޔަރުކަމުގެ ޓިކެޓު ކަށަވަރުކުރެއްވި އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވުމަށް މިއަދު ބޭއްވި ޕްރައިމަރީގައި އާދަމް އާޒިމް މާލޭގެ މޭޔަރުކަމުގެ ޓިކެޓް ކަށަވަރުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމްއާ ވާދަކޮށްގެންނެވެ.

އާދަމް އާޒިމަށް މަރުހަބާ ކިޔުމަށް ރޭ ބޭއްވި އިވެންޓުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ކައުންސިލް އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް ކޮށްދެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދޭނެ ކަމަށާއި ރައްޔިތުން އެދެމުންދަނީ އެމްޑީޕީގެ ވެރިކަމަކަށް ކަމަށެވެ. އެގޮތުން 2028 ގައި އެމްޑީޕީގެ ވެރިކަމެއް އަނބުރާ ގެންނަން ކޮށްދެވުނު ހުރިހާ މަސައްކަތެއް ކޮށްދޭނެ ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.

"އިރާދަކުރެވިއްޔާ 2026 ގެ ކައުންސިލް އިންތިހާބު ތިބޭފުޅުންގެ ލޯތްބާއި އިހުތިރާމާއި ބުރަ މަސައްކަތުން އަޅުގަނޑުމެން ކާމިޔާބު ކުރާނަން. ހަމަ އެއާއެކު އެދާ ގޮތަށް ގޮސް އިރާދަކުރެވިއްޔާ އެމްޑީޕީއަށް 2028 ގެ ވެރިކަން ހޯދައިދޭނީ އަޅުގަނޑުމެން އެންމެން މަސައްކަތްކޮށްގެން،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވި ގޮތުގައި މޭޔަރުކަމުގެ ޕްރައިމަރީ އޭނާއަށް ކާމިޔާބުވުމަކީ އެމްޑީޕީއަށް ލިބުނު ކާމިޔާބެކެވެ. އަދި މާލޭގެ މޭޔަރުކަމާއި، ކައުންސިލާއި، މުޅި ކައުންސިލް އިންތިޚާބު ކާމިޔާބުކުރުމަށް އެންމެން އެކީ މަސައްކަތް ކުރުމަށް ވެސް އާޒިމް ގޮވާލެއްވި އެވެ.

އެމްޑީޕީގެ މާލެ ދާއިރާގެ ރައީސްގެ މަގާމުގައި ވެސް މިހާރު ހުންނެވި އާދަމް އާޒިމް އަކީ އެމްޑީޕީ ވެރިކަމުގައި އެމްޓީސީސީގެ ސީއީއޯ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު އޮންނާނީ މިއަހަރުގެ އެޕްރީލް 4 ގަ އެވެ.