Last Updated: June 6, 11:50
Saturday, June 6, 2026
ޚަބަރު

ޕީއެންސީ އަށް ވޯޓް ދިނުމަކީ އަމިއްލަަ އަށް ސަންދޯއް ޖެހުން

އެޕރީލް މަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ޕާޓީ، ޕީއެންސީ އަށް އެންމެ ވޯޓެއް ދިނުމަކީ ވެސް ރައްޔިތުން އަމިއްލަ އަށް ސަންދޯއް ޖެހުމަށް ނޫނީ ނުވާނެ ކަމަށް ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

އެމްޑީއޭ އަށް ނިސްބަތްވާ މެންބަރު ސޯޝަލް މީޑިއާގައި ވިދާޅުވީ އޭނަ ތަކުރާރުކޮށް އެގޮތަށް ވިދާޅުވީ ޤައުމު އަޅުވެތިކަމަކަށް ދާން ބޭނުން ނުވާތީ ކަމަށެވެ.

"[މިއީ] ރައްޔިތުންނަށް ހެޔޮ ގޮތް އެދޭތީ ދަންނަވާ [އެއްޗެއް]. މިމަދު ފައިސާ ކޮޅަކަށް ހެއްލި ނުވަތަ ވަގުތީ ވަޒީފާއެއްގެ ދަހިވެތި ކަމުގައި ރައްޔިތުން އަމިއްލައަށް ރައްޔިތުންގެ ދަންމަޅި ޖަހާތަން ބަލަން ހިތަށް ކެށްނުވާތީ،" އައްބާސް ވިދާޅުވި އެވެ. "މިއަދު [ގައުމު] މިސްރާބު ޖަހާފައި މި ވަނީ ޑިމޮކްރަސީގެ ރިވެތި ސިފަތަށް ގެއްލި ދަޢުލަތުގެ ހުރިހާ ބާރުތަކެއް ރައީސް ޑރ. މުއިއްޒުގެ މުށުތެރެއަށް ލުމަށް ފަހު ހުދުމުހުތާރު ވެރިކަމެއް ކުރުމަށް ކަމަރު ބަންނަމުންދާ މަންޒަރަށް."

އޭނަ ވިދާޅުވީ ގައުމުގެ މިހާރުގެ ހާލަތަކީ ރައްޔިތުންގެ ހައްޤުގައި ބަސް ބުނާނެ އެއްވެސް މުއައްސަސާއެއް ވެސް ނެތް ހާލަތެއް ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ އެޕްރީލް މަހުގެ 4 ގަ އެވެ. ޕީއެންސީން މިހާރު ވަނީ އެ ޕާޓީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅައިފަ އެވެ.