މި އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ތިނަދޫގެ މޭޔަރު ކަމަށް ވާދަކުރައްވަން މިހާރުގެ ވެސް މޭޔަރު ސައުދު އަލީ އަށް އެމްޑީޕީގެ ޓިކެޓް ކަށަވަރުވެއްޖެ އެވެ.
އިއްޔެ ބޭއްވި އެ ޕާޓީގެ ޕްރައިމަރީ ސައުދު ކާމިޔާބު ކުރެއްވީ 462 ވޯޓު ހޯއްދަވައިގެންނެވެ. އޭނައާ ވާދަކުރެއްވި އަހުމަދު ނަސީރަށް ލިބިވަޑައިގަތީ 417 ވޯޓެވެ. އޭނަ އަކީ ކުރިން ތިނަދޫ ކައުންސިލްގެ ރައީސްކަން ދެ ދައުރެއްގައި އަދާކުރެއްވި ބޭފުޅެކެވެ.
ތިނަދޫ މޭޔަރުގެ ދެވަނަ ދައުރަކަށް ސައުދު ވާދަކުރައްވާ އިރު، އޭނަ އަކީ އެ ސިޓީގެ ފުރަތަމަ މޭޔަރު ވެސް މެ އެވެ.
އޭނަ އަށް ޓިކެޓް ލިބުމާ ގުޅިގެން އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެފައިވެ އެވެ. ސޯޝަލް މީޑިއާ ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ސައުދަށް ވަރަށް ބޮޑަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.