މަސްތުވާތަކެތި ވިޔަފާރިކުރުމުގެ މައްސަލައެއްގައި މިދިޔަ މަހުގެ 23 ގައި ހައްޔަރުކުރި އައްޑޫ އަންހެން މީހާގެ ބަންދަށް އިތުރު މުއްދަތު ޖަހައިފި އެވެ.
ހުޅުމާލޭގެ ހިޔާ ފުލެޓް އެޕާޓްމަންޓެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްގައި ވަނީ ފޭދޫ މުށިކުލާގޭ، އައިމިނަތު އިބްރާހީމް، 57، އެވެ.
އެ މައްސަލައިގައި އޭނައާ އެކު ފިރިހެނަކު ވެސް ހައްޔަރުކުރި އެވެ. އެއީ މ. މުލި، ނަސީމީގޭ މުހައްމަދު ވަހީދު، 52، އެވެ.
އެގޮތުން އެ މީހުން އުޅުނު އެ އެޕާޓްމަންޓު ބަލައިފާސްކު ރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި ތަކެތީގެ ވަގުތީ ބަރުދަން 32.6 ގުރާމަށް އަރާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އެގޮތުން މި މަހުގެ 12 ގައި ދެ މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ފުރަތަމަ ވަހީދުގެ ބަންދަށް 15 ދުވަހަށް އަދި އައިމިނަތުގެ ބަންދަށް ޖެހީ ތިން ދުވަހެވެ
އެހެންވެ އެ މުއްދަތު ބުރާސްފަތި ދުވަހު އަށް ހަމަވާތީ އޭނަގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން ބަންދަށް އިތުރު 15 ދުވަސް ޖަހާފައިވެ އެވެ.
އައިމިނަތު ބަންދުގައި އޭނާ ބަހައްޓަން ޖެހޭ ހާލަތެއްގެ ގޮތުގައި ކޯޓު އަމުރުގައި ބުނެފައި ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އޭނައާ ގުޅުން ހުރި ތަނަކުން ފެނިފައިވާ އިރު އޭނަގެ ހައްޔަރާއި ބަންދުގެ ލޮގުގައި އެ ބާވަތުގެ މައްސަލަތަކުގެ ރެކޯޑުތަކެއް އޮތުން ކަމަށެވެ. އަދި އައިމިނަތަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ މީހެއް ކަމަށް ބެލެވޭ ކަމަށް ކޯޓު އަމުރުގައި ބުންޏެވެ.
އެހެންކަމުން އެފަދަ ފަރާތެއް ބަންދުން ދޫކޮށްލުމަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކޯޓު އަމުރުގައި ބުންޏެވެ.