Last Updated: June 6, 11:50
Saturday, June 6, 2026
ޚަބަރު

ހުރިހާ މޭޔަރުންނަށް ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު

ރާއްޖޭގެ ފަސް ސިޓީގެ ފަސް މޭޔަރުން. ފޮޓޯ/ އެމްޑީޕީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ހުރިހާ ސިޓީއެއްގެ މޭޔަރު ކަމަށް މިހާރުގެ ވެސް މޭޔަރުން ޓިކެޓް ކަށަވަރުކޮށްފި އެވެ.

މީގެ ތެރެއިން ތިން މޭޔަރަކަށް ޓިކެޓް ލިބުނީ ޕްރައިމަރީއަކާ ނުލަ އެވެ. އެއީ އައްޑޫ މޭޔަރު އަލީ ނިޒާރާއި ފުވައްމުލަކު މޭޔަރު އިސްމާއީ ރަފީގުގެ އިތުރުން ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފެވެ. އެ ބޭފުޅުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ލިބުނީ ވާދަ ކުރަން ހުޅުވައިލުމުން އެ މަގާމުތަކަށް އިތުރު ބަޔަކު ކުރިމަތިލާފައި ނުވާތީ އެވެ.

ޕްރައިމަރީއާ އެކު މޭޔަރުގެ ޓިކެޓް ހޯއްދެވީ މާލޭގެ މޭޔަރު އާދަމް އާޒިމާއި ތިނަދޫ މޭޔަރު ސައުދު އަލީ އެވެ. އާޒިމް ޓިކެޓް ހޯއްދެވީ އަލީ އާޒިމާ ވާދަކުރައްވައި 1،411 ވޯޓުންނެވެ. އަލީ އާޒިމަށް ލިބުނީ 962 ވޯޓެވެ. ސައުދަށް ޓިކެޓް ލިބުނީ 462 ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވި އަހްމަދު ނަސީރަށް ލިބުނީ 417 ވޯޓެވެ.

ކައުންސިލް އިިންތިހާބު އެޕްރީލް މަހުގެ 4 ގައި ބާއްވަން ހަމަޖެހިފައިވާ އިރު، ކުރިމަތިލާން އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ވަނީ ހުޅުވާލައިފަ އެވެ. މުއްދަތު ހަމަވާނީ އަންނަަ މަހުގެ 1 އަށެވެ.