ރާއްޖޭގެ ފުޓްބޯޅައިގެ ގަދަ ބާރެއްކަމަށްވާ ބ. އޭދަފުށި ބޮޑު ތަފާތަކުން ބަލިކޮށް ގދ. ފަރެސް މާތޮޑާ މިނިވަން 50 ޗެމްޕިއަންޝިޕްގެ ފައިނަަލަށް ދަތުރުކޮށްފިއެވެ.
މިއަދު ހަވީރު އައްޑޫ ސްޓޭޑިއަމްގައި ކުޅުނު ސެމީ ފައިނަލް މެޗްގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ ބ. އޭދަފުށިންނެވެ.
މެޗް ފެށުނުތަނާހެން އޭދަފުށީގެ އިޝާން އިބްރާހީމް ނަގައިދިން ކޯނަރަކުން އެޓީމްގެ ފުރަތަމަ ލަނޑު ޖެހީ ކެޕްޓަން އަބުދުލްމަޖީދު އިބްރާހީމްއެވެ.

ފަރެސްމާތޮޑާއަށް ނަތީޖާ ހަމަހަމަކޮށްދީ މެޗްގައި ހެޓްރިކް ހެދި އިހްސާން އަލީއެވެ. ފުރަތަމަ ލަނޑަށް ފަހު، ފަރެސް މާތޮޑާގެ ދެވަނަ ލަނޑު އިހްސާން ޖަހާދިނީ އެޓީމުގެ އައިވަރީ ކޯސްޓްގެ ކީޕަރު ފޮނުވާލި ބޯޅައެއް ކޮންޓްރޯލްކޮށް އޭދަފުށީ ގޯލްގެ މަތީ ކަނަށް ފޮނުވާލައިގެންނެވެ.
އޭދަފުށިން ނަތީޖާ ހަމަހަމަކުރީ ކެޕްޓަން އަބުދުލްމަޖީދު ދިން ބޯޅައިން އިޝާން އިބްރާހީމް ކާމިޔާބުކުރި ލަނޑުންނެވެ.
ފުރަތަމަ ހާފް ނިމުނީ މިނަތީޖާއިންނެވެ. ދެވަނަ ހާފް ގައި އިހްސާން ފަރެސް މާތޮޑާގެ 3 ވަނަ ގޯލް ޖަހައިދިން އިރު ހަތަރު ވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މުހައްމަދު ސައީދު (ލޮޖާ)އެވެ.
މެޗްގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވިތަން ފެނިގެންދިޔައެވެ.

މެޗަށް ފަހު އޭދަފުށީ ކޯޗު ބައްޓޭ ބުނީ މެޗުން ބަލިވާން ދިމާވީ ޓީމަށް ރަނގަޅަށް ނުކުޅެވުމާއި ފިޓްނަސް މައްސަލަ ދިމާވެގެން ކަމަށެވެ.
މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ސ. ފޭދޫ އާއި ށ. ފޯކައިދޫ ބައްދަލު ކުރާއިރު މި މެޗަކީ ދެ ޓީމަށްވެސް ވަރަށް ހާއްސަވެގެންދާ މެޗެކެވެ. 30 އަހަރަށް ފަހު މި ދެޓީމް ވާދަކުރާއިރު މިދެޓީމާއި ގުޅޭ ގިނަ ވާހަކަތަކެއް ތާރީހުގައި ވަނީ ލިޔެވިފައެވެ.