Last Updated: June 4, 23:58
Thursday, June 4, 2026
ރިޕޯޓް

ބިން ހިއްކުން: ތަރައްޤީ އާއި ތިމާވެށީގެ ހަމަޖެހުން!

ރާއްޖެ އަކީ ބިމުގެ ގޮތުން ވަރަށް ކުޑަ، ޖަޒީރާ ޤައުމެކެވެ. އިޤްތިސާދީ ގޮތުން ކުރިއެރުން ހޯދަމުން އަންނަ މިފަދަ ޒަމާނެއްގައި ގިނަ އަދަދެއްގެ ބިޔަ މަޝްރޫޢުތައް ހިންގުމަށާއި، ރައްޔިތުންނަށް ދިރިއުޅުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ބިމުގެ ބޭނުންތެރިކަން ދަނީ އިތުރުވަމުންނެވެ. މިފަދަ ބޭނުންތައް ފުއްދުމަށްޓަކައި، ބިން ހިއްކުމަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު އަސާސެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ.

ނަމަވެސް، މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ބޮޑެތި ގެއްލުންތަކަކީ ދިވެހިން ސީރިއަސް މައްސަލައެއްގެ ގޮތުގައި ދެކެމުންދާ ކަމެކެވެ.

ބިން ހިއްކުމުގެ މަޝްރޫޢުތަކަކީ ޤައުމީ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ވިޔަސް، އެކަން ކުރިއަށް ގެންދެވޭ ގޮތުން ތިމާވެއްޓަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. މުރަކައިގެ ފަރުތަކާއި، ކަނޑުގެ ދިރުންތަކުގެ މައްޗަށް މުޅި އިޤްތިސާދު ބިނާވެފައިވާ ދިވެހިރާއްޖެފަދަ ޤައުމެއްގައި، ބިން ހިއްކުމަކީ މިފަދަ ދިރުންތަކަށް ސީދާ އަދި ނުސީދާ ގޮތުން ބޮޑެތި ގެއްލުންތައް ދީފާނެ ކަމެކެވެ. ވީމާ، ތަރައްޤީއަށް ބޭނުންތެރިކަން ހުރިނަމަވެސް، ތިމާވެށި ރައްކާތެރި ކުރުމުގެ މުހިންމުކަން ރާއްޖެ އަށް ދަނީ އިތުރަށް ބޮޑުވަމުންނެވެ.

މިފަދަ ނުރައްކަލުގެ ރަނގަބީލު މިހާރު ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ގުގުމަމުންނެވެ. މިސާލަކަށް، މިހާރު ސަރުކާރުން ފުށިދިއްގަރު ފަޅު ހިއްކުމަށް ހިންގާ ޕްރޮޖެކްޓުގެ ސަބަބުން، މާފުއްޓާއި އެ ސަރަހައްދުގެ އެހެން ރަށްތަކުން ދަނީ ސީރިއަސް ކަންބޮޑުވުންތަކެއް ފާހަގަ ކުރަމުންނެވެ. ކޮންޓްރޯލެއް ނެތި ސެޑިމެންޓް ފެތުރުމުގެ ސަބަބުން، ވަށައިގެންވާ މުރަކަތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ކަންބޮޑުވުން ފާޅުކުރައްވާ ބޭފުޅުން ދަނީ ބުނަމުންނެވެ. މާފުއްޓަކީ ރާއްޖޭގައި އެންމެ ގިނަ ގެސްޓްހައުސް ހިންގާ ރަށް ކަން އެނގިވަޑައިގަންނަވާނެއެވެ.

މުޅި ރާއްޖޭގެ ނިސްބަތުން ވެސް އެންމެ އެނދު ގިނައީ މާފުށީގަ އެވެ. މިފަދަ ރަށެއްގެ އާމްދަނީއަށް ނޭދެވޭ އަސަރުތަކެއް ކުރާނަމަ، އެކަމުގެ ސަބަބުން މުޅި ޤައުމުގެ އިޤްތިސާދަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ.

ރާއްޖޭގެ ތަރައްޤީއަށްޓަކައި ހިންގާ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢުތަކުގައި، ހުރިހާ ކޮންޓްރެކްޓަރުންވެސް ސަރުކާރުގެ ބިން ހިއްކުމާބެހޭ ގަވާއިދުތަކާއި ތިމާވެށީގެ އަސަރު ވަޒަންކުރުމުގެ އޮނިގަނޑުގައި ބަޔާންކޮށްފައިވާ ޝަރުތުތަކަށް ފުރިހަމަ އަށް ތަބާވުން ހަރުދަނާކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. މިފަދަ ހުރިހާ ހަރަކާތްތަކެއް ހިންގަނީ ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށްތޯ ބަލައި، ހާމަކަން ބޮޑުކޮށް މޮނިޓަ ކުރުމަކީ ކަމާބެހޭ މުއައްސަސާތަކުގެ ޒިންމާއެކެވެ.

އަދި ހަމައެހެންމެ، މިފަދަ މަސައްކަތްތައް ކުރިއަށް ގެންދެވެނީ ހެދިފައިވާ ގަވާއިދާއި އުސޫލުތަކާ އެއްގޮތަށްތޯ ޒިންމާވާ މުއައްސަސާތަކުން ކަށަވަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ އެންމެ މުހިންމު އެއް މަސްއޫލިއްޔަތު ކަމުގައި ދެކެމެވެ. ޤައުމުގެ ތަރައްޤީއަށް ކުރާ މަސައްކަތުގައި ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން އަޅުއްވާ ފިޔަވަޅުތަކަކީ ދެމިހުންނަނިވި ތަރައްޤީއެއްގެ މުހިންމު ބިންގަލެކެވެ.