މިދިޔަ އަހަރުގެ ފަހުކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު އަައްޑުު އަށް ކުރެއްވި ދަތުރުގެ ތެރޭގައި ބިންގާ އެޅި މަޝްރޫއުތައް ކުރިއަށް ނުދާތީ އެ މައްސަލައިގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާ ސުވާލު ކުރައްވަން މީދޫ މެންބަރު އަބްދުއްރަހުމާން (އައްދު) ހުށަހަޅުއްވައިފި އެވެ.
އޭނަ މިއަދު ވިދާޅުވީ މިނިސްޓަރާ ސުވާލު ކުރަން މަޖިލީހަށް ހުށަހެޅުއްވީ ދާއިރާގެ ރައްޔިތުންނާ އެކު އޭނަ އިއްޔެ ބޭއްވި ބައްދަލުވުމުގައި ރައްޔިތުންގެ ފަރާތުން މިނިސްޓަރާ ކުރަން އެދުނު ސުވާލުތައް ކަމަށެވެ.
އެގޮތުން މަޖިލީހުގައި އަމިއްލަ ގޮތުން ތަމްސީލު ކުރައްވާ މެންބަރު މިއަދު ހުށަހެޅުއްވީ ވަނީ ރައީސް މީދު އަށް ވަޑައިގެން އަމަލީ މަސައްކަތް ފެއްޓެވި މަޝްރޫއުތަކާއި މި ސަރުކާރުގެ މެނިފެސްޓޯގައި އައްޑު އަށް ވެފައިވާ ވައުދުތަކުގެ ތެރެއިން އެއްވެސް ކަމެއް ނުހިނގަނީ އައްޑޫ ސިޓީ ކައުންސިލާއި މީދޫ މަޖިލިސް މެންބަރު ނުވަތަ އައްޑު އަށް ނިސްވަތްވާ އެހެން މަޖިލިސް މެންބަރުންގެ އެއްބާރުލުން ނުލިބިގެންތޯ އާއި ކަންކަން ފަށައި ގަނަވޭނީ ކައުންސިލް އަދި މެންބަރުން ކޮން ކަމެއް ކޮށް ދެއްވީމަތޯ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 5 ގައި ރައީސް އައްޑު އަށް ކުރެއްވި ދަތުރުގައި މީދޫގައި ފައްޓަވައި ދެއްވި މަޝްރޫއުތަކުގެ ތެރޭގައި މީދޫގެ މަގުތައް ހެދުމުގެ މަޝްރޫއު އާއި މީދޫ ފިޓްނެސް ސެންޓަރުގެ ބިންގާ އެޅުމާއި މީދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބިންގާ އެޅުން ހިމެނެ އެވެ.
މި ސަރުކާރުން އައްޑު އަށްވެފައިވާ އެންމެ ބޮޑު އެއް ވައުދަކީ ހުޅުދޫ-މީދު އާއި ހިތަދޫއާ ދެމެދު ބްރިޖެއް އެޅުމެވެ.