Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

އިންތިހާބުގެ ޝަކުވާތައް ބަލަން ކޮމްޕްލެއިންޓްސް ބިއުރޯއެއް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމަށްޓަކައި ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ އިންތިޚާބާބެހޭ މަރުކަޒުގައި ޤާއިމުކޮށްފި އެވެ.

އިންތިޚާބުތަކާ ގުޅިގެން ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ ޤާއިމުކުރުމުގެ މައިގަނޑު މަޤްސަދަކީ، ރައްޔިތުންނަށް ފަސޭހައިން އިންތިޚާބީ ޝަކުވާ ނުވަތަ މައްސަލަ ހުށަހެޅުމަށާއި އެ ހުށަހަޅާ ޝަކުވާއެއް ނުވަތަ މައްސަލަތައް އަވަހަށް ބެލޭނެ ނިޒާމެއް އެކަށައެޅުމަށެވެ.

ޝަކުވާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބިއުރޯގެ އީމެއިލް [email protected] އަދި މި ކޮމިޝަނުގެ ކައުންޓަރުތައް މެދުވެރިކޮށެވެ. ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނީ މިކޮމިޝަނުގެ ވެބްސައިޓު، އިންތިޚާބާބެހޭ މަރުކަޒު އަދި މިކޮމިޝަނުގެ އިދާރާގެ ކައުންޓަރުންނެވެ. މީގެ އިތުރުން ސިޓީ/އަތޮޅު/ރަށު/އަވަށު ކައުންސިލްތަކުގެ ފޯކަލް ޕޮއިންޓުންނާއި ރާއްޖެއިން ބޭރުގައި ހަމަޖައްސާފައިވާ ފޯކަލް ޕޮއިންޓު މެދުވެރިކޮށް ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނެއެވެ.

ކައުންޓަރު ހުޅުވިފައި ހުންނާނީ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 06:00 އަށެވެ.

މީގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ވޯޓު ނެގުމަށް ހަމަޖެހިފައިވާ 2026 އެޕްރީލް 04 ވާ ހޮނިހިރު ދުވަހު، ވޯޓުނަގަން ފެށުނީއްސުރެން ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާން ކުރުމާ ހަމައަށް ޝަކުވާ ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ.