އެމްޑީޕީގައި ހިޔާލުތަފާތުވުމެއް ނެތް ކަމަށާއި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބޮޑުކޮށް ކާމިޔާބުކުރާނެ ކަމަށް، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ.
ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވުމަށް އިއްޔެ ބޭއްވި ޕްރައިމަރީގެ ނަތީޖާ އިއުލާންކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަޕޯ ވިދާޅުވީ އެތެރޭގެ އިންތިހާބެއްގައި ފޯރި ހުންނަންޖެހޭނެ ކަމަށާއި އެކަން އިއްޔެ ބޭއްވި އިންތިހާބުން ވެސް ފެނިގެން ގޮސްފައިވާ ކަމަށެވެ.
އަދި ކައުންސިލް އިންތިހާބަށް އެމްޑީޕީން ނިކުންނައިރު އެއްވެސް ފަރާތަކުން އެ ޕާޓީއާ ދުރުގައި ނުހުންނާނެ ކަމަށާއި ހުރިހާ އެންމެން ވެސް ތިބޭނީ އެކުގައި ކަމަށް ގަޕޯ ވިދާޅުވި އެވެ. އެގޮތުން އެމްޑީޕީ އަކީ ބަލިވެ އަދި ބަލި ގަބޫލުކުރަން އިނގޭ، މޮޅުވެ އަދި މޮޅުވާން އިނގޭ ޕާޓީއެއް ކަމަށާއި ޕްރައިމަރީން ބަލިވި ފަރާތްތަކުން ވެސް ގަދަކޮށް ޕާޓީއާއެކު މަސައްކަތް ކުރާނެ ކަމަށްވެސް ގަޕޯ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތެރޭގައި ބައެއް ފަހަރަށް ދެބަސްވުން އޮތް ކަމުގައި ވިޔަސް، ހިޔާލުތަފާތުވުމެއް ނެތް. އެންމެން އެއްކޮށް މަސައްކަތްކޮށް އިރާދަކުރެވިއްޔާ ބޮޑުކޮށް މި އިންތިހާބު ކާމިޔާބު ކުރާނަން،" ގަޕޯ ވިދާޅުވި އެވެ.
ގަޕޯ ވިދާޅުވީ އިއްޔެގެ ޕްރައިމަރީއަކީ އެމްޑީޕީގެ އެތެރޭގައި މިހާތަނަށް ބޭއްވި އެންމެ ސުލްހަވެރި އިންތިހާބު ކަމަށާއި އެމްޑީޕީއަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަމުގައި ނަމޫނާ ދައްކާ ޕާޓީއެއް ކަމަށެވެ. އެގޮތުން އިއްޔެ ވެސް ފެނިގެންދިޔައީ އޭގެ ނަމޫނާއެއް ކަމަށާއި ރައްޔިތުން ބޭނުންވަނީ އެހެން ޕާޓީތަކުން ވެސް އެ މަގުން ކަންކަން ކުރިއަށް ގެންދިޔުން ކަމަށް ގަޕޯ ވިދާޅުވި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު އޮންނާނީ މިއަހަރުގެ އެޕްރީލް 4 ގަ އެވެ.