އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު މެންޗެސްޓާ ޔުނައިޓެޑުން 2-0 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފި އެވެ.
މިއީ ޔުނައިޓެޑްގެ ވަގުތީ ކޯޗަކަށް ހަމަޖެއްސި މައިކަލް ކެރިކްގެ އިރުޝާދުގެ ދަށުން އެޓީމުން ކުޅުނު ފުރަތަމަ މެޗެވެ. ޔުނައިޓެޑްގެ ކޯޗުކަމަށް ކެރިކް ހަމަޖައްސާފައިވަނީ މި ސީޒަނުގެ ނިޔަލަށެވެ.
މި މޮޅާއެކު ޔުނައިޓެޑް މިހާރު ވަނީ 22 މެޗުން 35 ޕޮއިންޓު ހޯދައިގެން ލީގުގެ ފަސްވަނަ އަށް ޖެހިލާފަ އެވެ. ސިޓީ އޮތީ 22 މެޗުން ލިބުނު 43 ޕޮއިންޓާއެކު ލީގުގެ ދެވަނައިގަ އެވެ. އެއްވަނައިގައި ސިޓީއަށް ވުރެ އެއް މެޗު މަދުން ކުޅެ 49 ޕޮއިންޓާއެކު އޮތީ އާސެނަލް އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ކުރީކޮޅު ޔުނައިޓެޑްގެ ޑިފެންޑަރު ހެރީ މެގުއާއަށް ލީޑު ނަގައިދޭން ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައިވެ އެވެ. ސިޓީގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް މެގުއާ ބޮލުން ފޮނުވާލުމުން އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
މި މެޗުގެ ފުރަތަމަ ގޯލު މެޗުގެ 65 ވަނަ މިނެޓްގައި ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ބްރަޔަން އެމްބުއޭމޯ އެވެ. މިއީ ބްރޫނޯ ފެނާންޑޭސް ދިން ޕާހަކުން ސިޓީގެ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުން އެމްބުއޭމޯ ކާމިޔާބުކުރި ގޯލެކެވެ. އަދި މެތުއުސް ކުންޔާ ސިޓީގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުން ޔުނައިޓެޑްގެ ދެވަނަ ގޯލު މެޗުގެ 76 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޕެޓްރިކް ޑޯގޫ އެވެ.
ސިޓީގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމަށް ޔުނައިޓެޑްގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.
ޕްރިމިއާ ލީގުގައި ޔުނައިޓެޑުން ދެން ބައްދަލުކުރާނީ އާސެނަލްއާ އެވެ. ސިޓީ ނިކުންނާނީ ވުލްވްސްއާ އެވެ.