Last Updated: June 6, 10:21
Saturday, June 6, 2026
ރިޕޯޓް

މުނާފިޤުންގެ ސިފަތައް؛ ސަމާލުވާތި!

ނިފާޤުގެ ވައްތަރުތަކަކީ ކޮބާ؟ އަދި އޭގެ މާނައަކީ ކޮބާ؟

ޖަވާބު: ނިފާޤު ބެހިގެންވަނީ ދެ ބަޔަކަށެވެ. އެއީ އިޢުތިޤާދުގެ ނިފާޤާއި ޢަމަލުގެ ނިފާޤެވެ.

އިޢުތިޤާދުގެ ނިފާޤަކީ ހިތުން އިސްލާމް ނުވެ ދުލުން ތިމަންނަމެންނަކީ މުސްލިމުންނޭ ބުނެ އުޅުމެވެ. އިޢުތިޤާދުގެ ނިފާޤުގެ ވާހަކަ ކީރިތި ޤުރުއާނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަރަށް ގިނަ އާޔަތްތަކުގައި ބަޔާން ކުރައްވާފައިވެ އެވެ. އަދި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ މިބައިމީހުން ތިބޭނެ ތަނަކީ ނަރަކައިގެ އެންމެ އަޑީ ވަތްގަނޑުކަމުގައި ހަމަޖައްސަވާފައެވެ.

ޢަމަލުގެ ނިފާޤުގެ ވާހަކަ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ދެ ޙަދީޘްގައި އައިސްފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި އެވެ.

أَرْبَعٌ مَنْ كُنَّ فِيهِ كَانَ مُنَافِقًا خَالِصًا ، وَمَنْ كَانَتْ فِيهِ خَصْلَةٌ مِنْهُنَّ كَانَتْ فِيهِ خَصْلَةٌ مِنَ النِّفَاقِ حَتَّى يَدَعَهَا إِذَا اؤْتُمِنَ خَانَ وَإِذَا حَدَّثَ كَذَبَ وَإِذَا عَاهَدَ غَدَرَ ، وَإِذَا خَاصَمَ فَجَرَ (رواه البخاري)

“ހަތަރުކަމެއް އެމީހެއްގެ ކިބައިގައި ހުރެއްޖެ މީހަކީ ޚާލިޞް މުނާފިޤެކެވެ. މިހަތަރު ކަންތަކުގެ ތެރެއިން ކަމެއް ހުރެއްޖެމީހާ، މުނާފިޤުކަމުގެ މިންވަރެއް އެމީހެއްގެ ކިބައިގައި ހުރެއްޖެއެވެ. އެއީ އޭނާ އެކަން ދޫކޮށްފުމަށް ދާނދެނެވެ. އެކަންތައްތަކަކީ؛ އޭނާއާ އަމާނާތެއް ޙަވާލުކުރެވިއްޖެއްޔާ އޭނާ އެ އާމާނާތަށް ޚިޔާނާތްތެރިވެއެވެ. އަދި އޭނާ ވާހަކަދައްކައިފިއްޔާ ދޮގުހަދައެވެ. އަދި އޭނާ ޢަހުދެއްވެއްޖެއްޔާ އެ ޢަހުދާ ޚިލާފުވެއެވެ. ކަމަކާމެދު ވާހަކަދައްކައި ބަހުސްކޮށްފިނަމަ ޙައްޤުން އެއްކިބާވެއެވެ.” އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

آيَةُ الْمُنَافِقِ ثَلَاثٌ إِذَا حَدَّثَ كَذَبَ وَإِذَا وَعَدَ أَخْلَفَ وَإِذَا اؤْتُمِنَ خَانَ (رواه البخاري)

މާނައަކީ: “މުނާފިޤުންގެ ޢަލާމާތްތައް ތިނެކެވެ. އޭނާ ވާހަކަ ދައްކައިފި ނަމަ ދޮގު ހަދާނެ އެވެ. އަދި ވަޢްދެއްވެއްޖެ ނަމަ އެއާ ޚިލާފު ވާނެ އެވެ. އަދި އަމާނާތެއް ޙަވާލު ކުރެވިއްޖެނަމަ އެއަށް ޚިޔާނާތްތެރި ވާނެއެވެ.”

ބައެއް މާތް މީހުން ބުނުއްވާފައިވެ އެވެ. މި ނިފާޤުކަން ފަހަރެއްގައި އިސްލާމްކަމާ ވެސް އެއްވެދާނެ އެވެ. އެކަމަކު މި މުނާފިޤުކަން ބޮޑުވަމުން ފުޅާވަމުންގޮސް މުނާފިޤުކަން އަށަގެންފައިވާ މީހާ އިސްލާމްދީނުން މުޅިން ކަސިޔާރުކޮށްލަފާނެއެވެ. އެމީހާ ނަމާދުކޮށް، ރޯދަ ހިފައި، މުސްލިމެއް ކަމުގައި ބުންޏަސްމެ އެވެ. މުނާފިޤުކަމުގެ މިކަންކަމަކީ އީމާންކަން ނަހީކުރާ ކަންތައްތަކެވެ. މުނާފިޤުކަމުގެ ޢަލާމާތްތައް ހަށިގަނޑުގައި ޖަމާވެއްޖެ ނަމަ، އަދި އެކަންތައްތައް މަނާކުރާނެ ހިތްވަރެއް އެހަ ށިގަނޑުގައިވާ އީމާންކަމަށް ލިބިގެން ނުވާ ނަމަ، ފަހެ އެމީހާ ޚާލިޞް މުނާފިޤެއް ކަމުގައި މެނުވީ ނުވެ އެވެ.

ނޯޓް: މިއީ ޝައިހް މުހައްމަދު ޝާފިއުގެ ލިޔުއްވުމެކެވެ.