Last Updated: June 6, 10:21
Saturday, June 6, 2026
މުނިފޫހިފިލުވުން

"ޑޮން 3" ޝާހްރުކަށް، އެކަމަކު ވަރުގަދަ ޝަރުތެއް!

ޝާހްރުކާއި ފަރުހާން.

ޑައިރެކްޓަރު ފަރުހާން އަޚްތަރުގެ "ޑޮން 3" އެކްޓަރު ރަންވީރު ސިންފް ދޫކޮށްލުމާ ގުޅިގެން މި ފިލްމު މިހާރު "ޑޮން" ގެ ކުރީގެ ދެ ބައި ކުޅުނު ޝާހްރުކް ޚާނަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމަކީ ފަރުހާނާއި ޕްރޮޑިއުސަރު ރިތޭޝް ސިދުވާނީގެ އެކްސަލް އެންޓަޓައިންމަންޓުން ގެނެސްދެމުން އަންނަ އެއްޗެކެވެ. އެގޮތުން ޝާހްރުކާ އެކު 2006 ގައި "ޑޮން" ގެނެސްދިނުމަށް ފަހު، "ޑޮން 2" ރިލީޒްކުރީ 2011 ގަ އެވެ.

މީގެ ތިން ވަނަ ބައި ރަންވީރާ އެކު ހަދަން ނިންމިކަން އިއުލާންކުރީ 2024 ގަ އެވެ. އަދި އޭނަ ފިލްމު ދޫކޮށްލިކަމުގެ ވާހަކަތަކެއް ދެކެވެން ފެށީ މިދިޔަ އަހަަރުގެ ފަހުކޮޅު އެވެ. އެކަން އަދިވެސް ފިލްމުގެ ޓީމުން ރަސްމީކޮށް ކަށަވަރުކޮށް ދީފައި ނުވާ އިރު، ރިތިކް ރޯޝަނަށް ވެސް "ޑޮން 3" ހުށަހެޅިކަމުގެ އަޑުތަކެއް ދާދި ފަހުން އެރި އެވެ.

ނަމަވެސް އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން ފިލްމަށް ޝާހްރުކް ގެންނަން ހުށަހެޅުމާ އެކު، އޭނަ ވަނީ ފިލްމުގެ ޓީމެއް ވަރުގަދަ ޝަރުތެއް ކުރިމަތިކޮށްފަ އެވެ. އެގޮތުން އޭނަ ފިލްމަށް އެއްބަސްވާނީ ފަރުހާންގެ ބަދަލުގައި "ޑޮން 3" ގެ ޑައިރެކްޝަން އެޓްލީއާ ކުރަން އެއްބަސްވާ ނަމަ ކަމަށް ބުނެފައިވެ އެވެ.

އެޓްލީ އަކީ ޝާހްރުކްގެ ކެރިއަރުގައި އޭނަ އަށް އަލަށް ނެޝަަނަލް އެވޯޑް ހާސިލުކޮށް ދިން ޑައިރެކްޓަރެވެ. އެއީ 2023 ގެ "ޖަވާން" އިންނެވެ. އެޓްލީ މިހާރު އަންނަނީ ތެލެގޫ އެކްޓަރު އައްލޫ އަރުޖުން އާއި ދީޕިކާ ޕަދްކޯންއާ އެކު ފިލްމެއް ހަދަމުންނެވެ.

ޝާހްރުކްގެ މި ޑިމާންޑްގެ ވާހަކަ އާއި އޭނަ އަށް "ޑޮން 3" ހުށަހެޅިކަމުގެ ވާހަކަތައް ހޫނުކޮށް މިހާރު ދެކެވެމުން ދިޔަ ނަމަވެސް ފަރުހާންގެ ޓީމުން މިކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.