Last Updated: June 8, 21:45
Tuesday, June 9, 2026
ޚަބަރު

56 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ހަވާލުކޮށްފި

އަތޮޅުތެރޭގެ 56 ރަށެއްގެ ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ އެމްބިއުލާންސް ހަވާލުކޮށްފި އެވެ.

ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އަތޮޅު ހޮސްޕިޓަލު އަދި ސިއްހީ މަރުކަޒުތަކުގެ މަންދޫބުންނާ އެމްބިއުލާންސްގެ ތަޅުދަނޑި ހަވާލުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އެވެ.

މިވަގުތު އެމްބިއުލަންސްގެ ޚިދުމަތް މެދުކެނޑިފައިވާ ރަށްތަށް ފާހަގަކޮށް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 56 އެމްބިއުލަންސް ގެނައުމަށް އެމްޕީއެލްއާ ހަވާލުކުރީ މިދިޔަ އަހަރު އެވެ.

ތިން ބުރަކަށް ބަހާލައިގެން އެމްޕީއެލް އިން ވަނީ މި މަހުގެ ތެރޭގައި ހުރިހާ އެމްބިއުލަންސް ރާއްޖެއަށް ގެނެސްފަ އެވެ.

ހެލްތު މިނިސްޓްރީން ބުނީ މި އެމްބިއުލާންސްތަކުގެ އިތުރަށް މިއަހަރުގެ ތެރޭގައި އިތުރު 31 ރަށަކަށް ބޭނުންވާ އައު އެމްބިއުލާންސްތަކަކާއި، މާލޭ ސަރަހައްދާއި ސިޓީތަކުގައި ޕެރަމެޑިކް ޚިދުމަތް ދިނުމަށް އެތަންތަނަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް ގެނެވި އެ ޚިދުމަތްވެސް ފެށިގެންދާނެ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ދެމެހެއްޓެނިވި ގޮތުގައި އެމްބިއުލަންސްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ މުހިއްމު އަމާޒެކެވެ.