އަންނަ ރިޔާސީ އިންތިހާބުގައި ވޯޓު ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީއަށް ވަޑައިގަންނަވާނީ އެ ސިޓީގެ ރައްޔިތުން އެދޭ ކަންކަން ކޮށްދިނުމަށްފަހު ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީ ފޭދޫ މާދެލަ ދާއިރާގެ ޕީއެންސީގެ ކެމްޕެއިން "ޔޫތު ޖަގަހަ" ހުޅުވުމަށް އިއްޔެ ބޭއްވި ހަފްލާގައި ވާހަކަދައްކަމުން އިހުސާން ވިދާޅުވީ ރައީސް މުއިއްޒު 2028 ގައި ވޯޓު ހޯދަން ވަޑައިގަންނަވާނީ އައްޑޫ ރައްޔިތުން އެދޭ ކަންކަން ކޮށްދިނުމަށްފަހު ކަމަށާއި އެކަންކަން ފަސޭހަކަމާއެކު ކުރެވޭނީ ހުރިހާ އެންމެންގެ އެއްބާރުލުން ދީގެން ކަމަށެވެ.
އެގޮތުން ކައުންސިލެއް ހޮވަނީ އެކަމަށްޓަކާ ކަމަށާއި މި މަސައްކަތުގައި ބައިވެރިވެވޭތީ އެކަމާ ފަހުރުވެރިވާ ކަމަށްވެސް އިހުސާން ވިދާޅުވި އެވެ.
"މި ގައުމަށާއި އައްޑޫ ސިޓީ އަށާއި ހާއްސަކޮށް މި ރަށަށް ތަރައްގީގެ މަސައްކަތް ވެގެންދާއިރު، އަޅުގަނޑަށް ވެސް ބައިވެރިވެވޭ ކަމީ ލިބޭ ފަހުރެއް،" އިހުސާން ވިދާޅުވި އެވެ.
އިހުސާން މިހެން ވިދާޅުވި އިރު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ފިކުރުގެ މީހުންނަށް ފުރުސަތު ދީފިނަމަ އައްޑޫ ސިޓީގެ ތަރައްގީ ދާނީ ފަހަތަށް ކަމަށް ރައީސް މުއިއްޒު ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.
އައްޑޫގައި ތަފާތު އެކި ދާއިރާތަކުން ސަރުކާރުން މަސައްކަތްތައް ކުރަމުންދާ ކަމަށާއި މި ކަންކަން ކުރުމުގައި ސަރުކާރަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ލޯކަލް ލެވެލްގައި ދޭނީ ސިޔާސީ ގޮތުން އެމަނިކުފާނާއި އެއް ވިސްނުމެއްގައި ތިބޭ ބައެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"އެހެން ނޫނީއްޔާ ސިޔާސީ ގޮތުން ހަމަ އިދިކޮޅު ވިސްނުން އިސްކުރާނީ. އިސްކޮށްގެން އައްޑޫގެ ތަރައްގީ ހަމަ ފަހަތަށް ޖެހެމުންދާނީ، ލަސްވަމުންދާނީ. އެ ފުރުސަތު ނުދެއްވާނެ ކަމީ އަޅުގަނޑު ޔަގީންކުރާ ކަމެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު މިދިޔަ އަހަރުގެ ފަހުކޮޅު އައްޑު އަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގައި ސޮއިކޮށް، ބިންގާ އަޅައިފަ އެވެ.