އެގާރަ މީހުންނާ އެކު އިއްޔެ ދަތުރަކަށް ނުކުތްތާ މާ ގިނައިރުތަކެއް ނުވަނީސް ގުޅުން ކެނޑި ގެއްލުނު އިންޑޮނީޝިއާ އެއާ ޓްރާންސްޕޯޓްގެ ބޯޓް ވެއްޓިފައި ވަނިކޮށް މިއަދު ފެނިއްޖެ އެވެ.
އެ ގައުމުގެ މީޑިއާތަކުން ބުނީ އޭޓީއާރް 42-500 މަރުކާގެ ބޯޓްގެ ބައިތަކެއް ފެނިފައި ވަނީ ދެކުނު ސުލަވެސީގެ ފަރުބަދަމަތީގެ ސަރަހައްދެއް ކަމަށްވާ ބުލުސަރަންގު އިން ކަމަށެވެ. ވެއްޓިފައި ވަނިކޮށް ބޯޓްގެ ބައިތަކެއް ފެނިފައި ވަނީ މިއަދު ހެނދުނު 7:46-7:49 އާ ދޭތެރޭގަ އެވެ.
ނަމަވެސް ބޯޓްގައި ތިބި މީހުންގެ ތެރެއިން އެއްވެސް މީހަކު އަދި މިހާތަނަށް ފެނިފައެއް ނުވެ އެވެ.
ބޯޓް ގެއްލުނީ ޔޮގްޔަކާޓާ ސިޓީން މަކަސާ ސިޓީ އަށް ދާން ދަތުރު ކުރަނިކޮށް ކަމަށާއި އެ ދަތުރަކީ އެ ގައުމުގެ މެރިޓައިމް އެފެއާޒް އެންޑް ފިޝަރީޒް މިނިސްޓްރީން ޗާޓަރުކޮށްގެން ފެށި ދަތުރެއް ކަމަށް ވެސް އިންޑޮނީޝިއާ އެއާ ޓްރާންސްޕޯޓް އިން ބުނެފައިވެ އެވެ.
އެގޮތުން ބޯޓްގައި ތިބީ ފިޝަރީޒް މިނިސްޓްރީގެ ތިން މީހަކާއި އަށް ކްރޫއެކެވެ.
ބޯޓް ވެއްޓުނު ހާދިސާ އިންޑޮނީޝިއާގެ ނެޝަނަލް ޓްރާންސްޕޯޓް ސޭފްޓީ ކޮމިޓީން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.