Last Updated: June 6, 11:50
Saturday, June 6, 2026
ޚަބަރު

ބަންޑުން ޖެހި ދޯންޏާއި ތަކެތި އޮޔާދާތީ ސަމާލުވާން އެދިއްޖެ

ހުޅުމާލެއިން ފުރައިގެން ދޮންމާގާ އަށް ދަތުރުކުރި ދޯންޏެއް ވާދޫ ކަނޑުގެ ތާޖް އެގްޒޯޓިކާ ރިޒޯޓު ކައިިރިއަށް ބަންޑުން ޖަހާލުމާ ގުޅިގެން މި ދޯންނާއި އޭގައި ހުރި ބައެއް ތަކެތި އޮޔާ ދާތީ، ދަތުރުވެރިން ސަމާލުކަން އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.

ތަކެތި އޮޔާދާ ކަމަށް ލަފާ ކުރެވެނީ ހުޅަނގަށް ކަމަށްވާތީ ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެދިފައިވެ އެވެ.

ހަތަރު މީހުންނާ އެކު ދަތުރުކުރި މުދާ އުފުލާ ދޯނި "ބަލްމާ 6" ބަންޑުން ޖަހައިލި ހާދިސާގައި ދެ މީހަކު ގެއްލިގެން އަންނަނީ ހޯދަމުންނެވެ. އޭގައި ތިބި އަނެއް ދެ މީހުން ސަލާމަތްކުރީ ހާދިސާ ހިނގި ސަރަހައްދުން ދިޔަ ދޯންޏެއްގެ ބައެކެވެ. ފުލުހުން ބުނީ ހެނދުނު 7:27 ހާއިރު ހިނގި އެ ހާދިސާގައި ދޯނިން ދަތުރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހުން އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގު ސަރަހައްދުގައި ފުލުހުންނާއި އެމްއެންޑީއެފް އިން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

"ބަލްމާ 6" ދޯނި ބަންޑުން ޖަހާލި ސަބަބެއް އަދި ސާފެއް ނުވެ އެވެ.