Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ދޯނިން ގެއްލުނު ދިވެހި މީހާގެ ހަށިގަނޑު ފެނިއްޖެ

ކ. ތާޖު އެގްޒޯޓިކާ ރިސޯޓް ކައިރިއަށް މިއަދު ބަންޑުން ޖަހާލި ބޯޓުން ގެއްލުނު ދެ މީހުންގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އެ މީހާގެ ހަށިގަނޑު ފެނުނީ އެގްޒޯޓިކާ ރިސޯޓް ކައިރިން ކަމަށެވެ. ހަށިގަނޑު މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ އިރު މަރުވެފައި އޮއްވައި ފެނުނީ ގެއްލުނު ދެ މީހުންގެ ތެރެއިން ދިވެހި މީހާ އެވެ. އޭނަ އަކީ ދޯނީގެ ކެޕްޓަނެވެ.

އެ ހާދިސާގައި ދެން ގެއްލުނީ ބިދޭސީއެކެވެ. އެ މީހާ ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ހަތަރު މީހުންނާ އެކު "ބަލްމާ-6" އެބޯޓް ބަންޑުން ޖަހާލައި ދެ މީހުން ގެއްލުނު އިރު، އަނެއް ދެ މީހުން ސަލާމަތްކުރީ ހާދިސާ ހިނގި ސަރަހައްދުން ދިޔަ ދޯންޏަކުންނެވެ.

ހާދިސާ ހިނގި ސަރަހައްދުގައި ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި ދޯނީގައި ހުރި ތަކެތި އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވާން އިލްތިމާސްކޮށްފައިވެ އެވެ.