ބޮލީވުޑްގެ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ތެރެ އިޝްގް މޭ" ގެ ޑައިރެކްޓަރު އާނަންދު އެލް ރާއީގެ އަތުން 84 ކްރޯޑް ރުޕީސް (9.3 މިލިއަން ޑޮލަރު) ގެ ބަދަލެއް ހޯދަން އިރޯސް އިންޓަނޭޝަނަލް އިން ބޮމްބޭ ހައި ކޯޓަށް ހުށަހަޅައިފި އެވެ.
އެ ކުންފުނިން ބުނީ ދަނޫޝް އާއި ކްރިތީ ސެނަން ލީޑް ރޯލު ކުޅުނު ފިލްމަކީ އިރޯސްއާ ގުޅިގެން އާނަންދު ޑައިރެކްޓްކުރި 2013 ގެ ކާމިޔާބު ފިލްމު "ރާންޖަނާ" އާ ގުޅައިގެން އޭގެ "ސްޕިރިޗްއަލް ސީއެލްއެއް" ގެ ގޮތުގައ ހަދާފައިވާ ފިލްމެއް ކަމަށެވެ. އަދި އެ ޕްރޮމޯޓް ކުރުމުގައި ވެސް "ރާންޖަނާ" ގެ ނަން ބޭނުންކޮށްފައިވާ ކަމަށާއި އެއީ އެ މީހުންގެ ޓްރެޑްމާކަކަށާއި ކޮޕީރައިޓް ހައްގަކަށް "ތެރެ އިޝްގް މޭ" ގެ ޓީމުން އަރައިގަތުން ކަމަށް އިރޯސް އިން ބުންޏެވެ.
އެ ކުންފުނިން ބުނީ "ރާންޖަނާ" އާ ދާދި އެއްކަހަލަ ވާހަކައެއް "ތެރެ އިޝްގް މޭ" ގައި ކިޔައި ދީފައިވާ އިރު، އެ ފިލްމު ޕްރޮމޯޓް ކުރަން ވޯލްޑް އޮފް ރާންޖަނާ އާއި ދަނޫޝްގެ ރާންޖަނާގެ ކެރެކްޓާ ކުންދަން ޝަންކަރުގެ ނަމުން "ތެރެ އިޝްގް މޭ" ގެ ކެރެކްޓާގެ ނަމާ ގުޅުވައިގެން ޝަންކަރް ގުރްކުލް ފަދަ ނަންތައް ވެސް ބޭނުންކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެކަން "ތެރެ އިޝްގް މޭ" ގެ ޓީމުން ކޮށްފައި ވަނީ ހުއްދަ ނެތި ކަމަށާއި "ރާންޖަނާ" އާ ގުޅުން ހުރި ހުރިހާ ކަމެއްގެ ރައިޓްސް އޮތީ އިރޯސް އަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
އެހެންވެ އެކަމުން ލިބުނު ގެއްލުމުގެ ބަދަލަށް 84 ކްރޯޑް ރުޕީސް ނަގައި ދޭން އިރޯސް އިން ކޯޓްގައި އެދިފައިވާ އިރު، "ތެރެ އިޝްގް މޭ" އަކީ އާނަންދުގެ ކަލަ ޔެލޯ މީޑިއާ އެންޓަޓައިންމަންޓާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން ގެނެސްދިން ވަރަށް ކާމިޔާބު ރޮމޭންޓިކް ޑްރާމާއެކެވެ.
ޖުމްލަ 85 ކްރޯޑް ރުޕީސް (9.4 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި އެ ފިލްމަށް ބޮކްސް އޮފީހުގައި 161 ކްރޯޑް ރުޕީސް (17.7 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނެވެ.
ދަނޫޝް އާއި ސޯނަމް ކަޕޫރް ލީޑް ރޯލު ކުޅުނު "ރާންޖަނާ" އަކީ 36 ކްރޯޑް (4 މިލިއަން ޑޮލަރު) ރުޕީސްގެ ބަޖެޓަކުން ހަދައި 105 ކްރޯޑް ރުޕީސް (12 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.
"ތެރެ އިޝްގް މޭ" ގެ ޓީމު ގޮވައިގެން އިރޯސް އިން ކޯޓަށް ދިޔަ އިރު، "ރާންޖަނާ" ގެ ކްލައިމެކްސް އަށް ބަދަލުތަކެއް ގެނެސްގެން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހަދާފައިވާ މަންޒަރުތަކަކާ އެކު މިދިޔަ އަހަރު އެ ފިލްމު ސިނަމާތަކަށް ގެނައުމުން އާނަންދު އެކަމާ ހިތްހަނުޖެހިގެން އިރޯސް އަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވެ އެވެ.
އާނަންދަކީ ކާމިޔާބު ފިލްމުތައް ކަމަށްވާ "ތަނޫ ވެޑްސް މަނޫ" ގެ ދެ ފިލްމު ވެސް ގެނެސްދިން ޑައިރެކްޓަރެވެ.