މީގެ ތިރީސް އަހަރުކުރިން ގަލޮޅު ބޯޅަ ދަނޑުގައި ށ. ފޯކައިދޫ ކޮޅަށް 17 ލަނޑު ޖަހައި ދިވެހި ފުޓްބޯޅައިގެ، ރިކޯޑް ހޯދާފައިވަނީ ސ. ފޭދޫ ޖަމާއަތުގެ ގުޅުން ފުޓްބޯޅަ ޓީމުންނެވެ.
1986 ވަނަ އަހަރުގެ ގައުމީ ފުޓްބޯޅަ މުބާރާތުގައި ފޯކައިދޫ 17 ލަނޑުން ބަލި ކުރި ވާހަކައަކީ މިިއަދުވެސް ފޯކައިދޫ އާއި ގުޅުވައިގެން ދިވެހި ފުޓްބޯޅައިގައި ދެކެވޭ ވާހަކައެކެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި އަބަދުވެސް ބެލެވޭ ސ. ފޭދޫ ށ. ފޯކައިދޫ ކޮޅަށް 17 ލަނޑު ޖެހި އިރު އެޓީމް ކޮޅަށް ލަނޑު ޖެހި އެއް ކުޅުންތެރިއަކީ މިއަދު ފޭދޫ ކައުންސިލަރަކަށް ހުންނެވި އަލީ ފަހްމީއެވެ.
މިއަދުގެ މެޗާއި ގުޅިގެން ފަހުމީ ވިދާޅުވީ 17 ލަނޑު އޭރުވެސް ފޯަކައިދޫ ކޮޅަށް ޖެހުނީ ކޮންމެހެން ޓީމް ދެރަވެގެން ނޫންކަމަށެވެ.
"އޭރުވެސް ފޯކައިދޫއަކީ ބަލި ޓީމެއް ނޫން. އެމީހުން ވަރަށް ރަނގަޅަށް ކުޅުނު، އެކަމަކު ދެ ތިން ލަނޑު ޖެހުމުން ޓީމްގެ އިންތިޒާމް ތައް ގެއްްލުނީ. އެހެންވެ އެވަރުގެ ތަފާތު ބޮޑު ނަތީޖާއެއް ނެރެވުނީ" ފަހްމީ ވިދާޅުވިއެވެ.
އިންތިޒާމް ގެއްލި ނަމަވެސް ގައުމީ ބޮޑު މުބާރާތެއްގައި އެއަދަދަށް ލަނޑު ޖެހުމާއި އެކު އެ ރިކޯޑް މިއޮތީ ފޭދޫއަށެވެ.
މިއަދު މެޗަށް ށ. ފޯކައިދޫ ނިކުންނަނީ އެހަދާން ކުރުމާއިއެކުއެވެ. ޓީމްގެ މެނޭޖަރ އަލީ ޒުހޫރު ބުނީ އެވާހަކަތައް އަޑުއަހާކަމަށެވެ. ނަމަވެސް އެކަމާއި ގުޅިގެން ތަފާތު ގޮތްތަކަށް ވާހަކަ ދެކެވޭތީ މާ ބޮޑަށް ނުވިސްނާކަމަށެވެ.
"އެވާހަކަ އަޑުއިވޭ. އެކަމަކު އެއީ އެކި ގޮތްގޮތަށް ދެކެވޭ ވާހަކަތަކަށްވީަމއި ޓީމްގެ ކުޅުންތެރިން އެހާ ބޮޑަށް ނުވިސްނާ."
1700 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ށ. ފޯކައިދޫން މިއަދުގެ މެޗަށް ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ. އެޓީމްގެ ކުޅުންތެރިންނާއި ސަޕޯޓަރުން ބޭނުންވަނީ ފޭދޫ ބަލިކޮށް މުބާރާތުގެ ފައިނަލްއިން ޖާގަ ހޯދުމަށެވެ. މާޒީގެ ހިތި ހަނދާން ފިލުވާލުމަށެވެ.
ޒުޙޫރު ބުނީ ޓީމްގެ ކާމިޔާބީގެ ފަހަތުގައި ވަނީ ސަޕޯޓަރުން ކަމަށެވެ.
"މިއަދުގެ މެޗަށް ޓީމް ނިކުންނައިރު އެންމެ ބޮޑު ހިތްވަރެއް ލިބިގެންދަނީ ސަޕޯޓަރުންގެ ފަރާތުން. ކިތަންމެ ދުރުގައި ޓީމް އޮތަސް އަޅުގަނޑުމެންގެ ކުޅުންތެރިންގެ ކަންފަތުގައި ސަޕޯޓަރުންގެ އަޑު އެބަހުރި. އެހެންވެ އެ ހިތްވަރުގައި މިއަދު ކުޅޭނީ"
އަނެއް ކޮޅުން ފޭދޫއަށް ބަލާއިރު ފޭދޫއަށް އޮތް އެޑްވާންޓޭޖް ބޮޑެވެ. އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެން ލިބުމަކީ ޓީމަށް އޮތް ހިތްވަރެކެވެ. އައްޑޫ ސްޓޭޑިއަމްއަކީ އެޓީމް ފަރިތަ ދަނޑެކެވެ. ޓީމްގައި އިންޖަރީގެ މައްސަލައެއް ކާޑްގެ މައްސަލައެއް ނެތެވެ
ޓީމްގެ ފޯވާޑް ލައިންގައި ތިބީ ޒުވާން ހުނަރުވެރި ކުޅުންތެރިންނެވެ. ހާއްސަކޮށް ފޭދޫ ޓީމްގެ ބިދޭސީ ފޯވާޑް އާއި އެޓީމްގެ އިބްރާހިމް މަހުދީ (އިއްބެ)ގެ ކޮންބިނޭޝަން ބޮޑެވެ.
ފޭދޫ އާއި ށ. ފޯަކައިދޫ މިއަދު ކުޅޭ ތާރީހީ މެޗް ޓީވީއެމްއިން ލައިވް ކުރާއިރު ށ. ފޯކައިދޫ ރައްޔިތުން މެޗް ބަލާނީ ޓިވީގެ ޒަރީއާއިންނެވެ. ފޭދޫ ރައްޔިތުން މެޗް ބަލާނީ ޓީމަށް ސަޕޯޓް ކުރަމުން އައްޑޫ ސްޓޭޑިއަމްގައެވެ.
މި މުބާރާތުގެ ފައިނަލްގެ އެއް ޖާގަ ގދ. ފަރެސް މާތޮޑާ ކަށަވަރުކޮށްފައެވެ. ވަރުގަދަ ނަން މަޝްހޫރު ބ، އޭދަފުށި 4-2 ލަނޑުން ބަލިކޮށްފައެވެ.