ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރް 45 އަހަރު ފަހުން ތެލެގޫ ފިލްމަކަށް ސޮއިކޮށްފި އެވެ.
މިހާރު އުމުރުން 69 އަހަރުގެ އެކްޓަރު ސޮއިކުރީ މަޝްހޫރު ތެލެގޫ އެކްޓަރު އެންޓީއާރް ޖޫނިއާ ލީޑް ރޯލު ކުޅޭ "ޑްރެގަން" އަށެވެ. މިދިޔަ އަހަރުން ފެށިގެން ޝޫޓިން ކުރިއަށްދާ މި ފިލްމަކީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ކަންނާޑާ ފިލްމު "ކޭޖީއެފް" ގެ ދެ ބައި ގެނެސްދިން ޕްރަޝާންތު ނީލް ޑައިރެކްޓްކުރާ ފިލްމެކެވެ.
އޭނަ އަކީ ޕްރަބާސްގެ "ސަލާރް" ގެ ވެސް ޑައިރެކްޓަރެވެ.
"ޑްރެގަން" އަށް އަނިލް ސޮއިކުރިކަން އިންސްޓަގްރާމް ސްޓޯރީގެ ޕޯސްޓެއްގައި ވެސް ޔަގީންކޮށް ދީފައިވެ އެވެ. ނަމަވެސް އޭނަގެ ރޯލާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެެއް ނުވެ އެވެ. ނަމަވެސް ބައެއް މީޑިއާތަކުން ބުނީ އަނިލް އެ ފިލްމުގައި ފެންނާނީ ނެގަޓިވް ރޯލަކުން ކަމަށެވެ.
"ޑްރެގަން" ވާނީ އެންޓީއާރްގެ ފިލްމެއްގައި އަނިލް މަސައްކަތްކުރާ ދެވަނަ ފަހަރަށެވެ. އެ ދެ މީހުން ކުރިން ފެނިފައި ވަނީ މިދިޔަ އަހަރު ގެނެސްދިން ޔާޝްރާޖް ފިލްމްސްގެ ސްޕައި ޔުނިވާސްގެ "ވޯ 2" އިންނެވެ. އެ ފިލްމަކީ އެންޓީއާރްގެ ފުރަތަމަ ބޮލީވުޑް ފިލްމެވެ. އޭނަ ވަނީ އަނިލް އަށް ބޮޑުބޭބެ ކިޔާ ބަތަލާ ޖާންވީ ކަޕޫރާ އެކު ވެސް މަސައްކަތްކޮށްފަ އެވެ. އެއީ 2023 ގެ "ދޭވްރާ" ގަ އެވެ.
އަނިލްގެ ކެރިއަރުގައި ކުރިން ކުޅުނު ތެލެގޫ ފިލްމަކީ 1980 ގައި ބާޕޫ ޑައިރެކްޓްކޮށް ރިލީޒްކުރި "ވަމްސާ ވިރުކްޝަމް" އެވެ.