ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ އައްޑޫ ސިޓީގެ ޗެމްޕިއަންކަން ހިތަދޫ އިން ހޯދައިފި އެވެ.
މުބާރާތުގެ އައްޑޫގެ ޗެމްޕިއަންކަން ހިތަދޫ އިން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލްގައި މަރަދޫގެ މައްޗަށް 5-2 އިން ކުރި ހޯދައިގެންނެވެ.
މި މެޗުގައި ހިތަދޫ ޓީމުން ޖެހި ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު އަމްނު އެވެ. މިއީ ކޯނަރަކުން ޖައްސާލި ޕާހަކުން އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ. މެޗުގެ 12 ވަނަ މިނެޓްގައި މުހައްމަދު ޝަހާއު އަލީގެ ގޯލުން މަރަދޫން ނަތީޖާ އެއްވަރުކުރި ނަމަވެސް އޭގެ މާގިނަ އިރުތަކެއް ނުވަނީ ހިތަދޫ ޓީމުގެ ކެޕްޓަން ހާޒިމް ފައުޒީ ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން މަރަދޫގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާއަކުން އަމްނު ވަނީ ހިތަދޫ ޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅު ލިބުނު ހިލޭޖެހުމަކުން ހިތަދޫ ޓީމުގެ ހަތަރުވަނަ ގޯލު ހާޒިމް ކާމިޔާބުކޮށްދިންއިރު، ހިތަދޫ ޓީމުގެ ފަސްވަނަ ގޯލު ކާމިޔާބުކޮށްދީ އަމްނު ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މަރަދޫ ޓީމުން މި މެޗުގައި ޖެހި ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ އަތޫފް އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހިތަދޫ ޓީމުގެ ހާޒިމް އެވެ. އަދި އައްޑޫ ސިޓީ ޒޯނުގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި ރަން ބޫޓު ވެސް ހޯދާފައިވަނީ ހާޒިމް އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތެވެ.