Last Updated: June 6, 11:50
Saturday, June 6, 2026
ޚަބަރު

އިސްރަށްވެހިންގެ "ރަހަފަތް" މައުޒަރަށް ހުޅުވާލައިފި

އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ބާއްވާ ކާބޯތަކެތީގެ މައުރަޒު 'ރަހަފަތް' ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސޯޝަލް މިނިސްޓްރީ އާއި ހެރިޓޭޖް މިނިސްޓްރީ ގުޅިގެން އިންތިޒާމުކުރާ މި މައުރަޒަކީ އިސްރަށްވެހިންގެ މެދުގައި އޮތް ކާބޯތަކެތި ތައްޔާރު ކުރުމުގެ މުއްސަނދި ސަގާފަތާއި، ދިވެހިވަންތަ އަޞްލު ރަހަތައް ދިރުވައި އާލާކުރުމުގެ މަޤްޞަދުގައި ބާއްވާ ޚާއްޞަ މައުރަޒެކެވެ.

މި މައުރަޒުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ދިވެހި ސަގާފީ ކާބޯތަކެއްޗާއި ރަހަތައް އުފެދިގެން އައި ގޮތްތަކާއި، އެ ތަކެތި ތައްޔާރުކުރުމުގައި ހުންނަ ފަންނީ އުކުޅުތައް ޒުވާން ޖީލަށް ބުނެދީ، އެކަމަށް ޝައުޤުވެރިކަން އުފެއްދުމެވެ. އޭގެ އިތުރުން އިސްރަށްވެހިންނާއި ޒުވާނުންނާ ދެމެދު އޮންނަ އިޖުތިމާޢީ ގުޅުން ބަދަހިކޮށް، ދިވެހިންގެ އަމިއްލަވަންތަ ކެއިންބުއިމުގެ ތަރިކަ ރައްކާތެރި ކުރުމަށް މަގުފަހި ކުރުމަކީ ވެސް މި މައުރަޒުގެ މުހިންމު މަޤްޞަދެކެވެ.

"ރަހަފަތް" މައުރަޒުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 21 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ބައިވެރިވާން 3027586 ނުވަތަ 3027587 އަށް ގުޅައިގެން ރަޖިސްޓްރީ ކުރެވޭނެ އެވެ.