ސުވާލު: ދެއަންބަށް ކައިވެނިކުރާ ފިރިހެން މީހާގެ ހުންނަން ޖެހޭ ޝަރުޠުތަކަކީ ކޮބައިތޯ؟
ޖަވާބު: الحمد لله والصلاة والسلام على رسول الله
މި ޝަރްޠުތައް ފުރިހަމަ ކުރެވޭ ނަމަ އެއް އަންބަށް ވުރެ ގިނަ އަނބީންނާ ކައިވެނި ކުރުމަކީ ޝަރްޢީ ގޮތުން އެދެވިގެންވާ ކަމެކެވެ.
ހ. އަނބިދަރީންނަށް ޚަރަދުކުރެވޭ މިންވަރަށް މާލީގޮތުން ތަނަވަސްކަން ލިބިގެންވުން
ށ. ހަށިގަނޑުގެ ގޮތުން ކުޅަދާނަކަށް ލިބިގެންވުން (ރޭކުރުންފަދަ އަނބީންގެ ޙައްޤުތައް އަދާކުރުމުގެ ކުޅަދާނަކަން ހަށިގަނޑުގައި ހުރުން)
މި ދެކަމުގެ ދަލީލަކީ އަންނަނިވި ޙަދީޘެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
يَا مَعْشَرَ الشَّبَابِ ، مَنْ اسْتَطَاعَ مِنْكُمْ الْبَاءَةَ فَلْيَتَزَوَّجْ. رواه البخاري (5065) ومسلم (1400).
އޭ ޒުވާނުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ކައިވެނި ކުރުމުގެ ކުޅަދާނަކަން ލިބިގެންވާ މީހާ، ފަހެ ކައިވެނިކުރާހުށިކަމެވެ.
ނ. އަނބީންގެ މެދުގައި ޢަދުލުވެރިވުމުގެ ކުޅަދާނަކަން ލިބިގެންވުން
މިކަމުގެ ދަލީލަކީ އަންނަނިވި އާޔަތެވެ.
فَإِنْ خِفْتُمْ أَلَّا تَعْدِلُوا فَوَاحِدَةً أَوْ مَا مَلَكَتْ أَيْمَانُكُمْ ذَلِكَ أَدْنَى أَلَّا تَعُولُوا النساء/3.
ފަހެ، ޢަދުލުވެރި ނުވެވޭ ނެކަމަށް ބިރުގެންފި ނަމަ، އެކަކާ އެވެ. ނުވަތަ، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅު އަންހެނުންނާ އެވެ. އެގޮތް ތިޔަބައިމީހުން އަނިޔާވެރިނުވުމާ ގާތްކަން ބޮޑެވެ.
ނޯޓް: މިއީ ޝައިހް މުހައްމަދު ޝާފިއުގެ ލިޔުއްވުމެކެވެ.