ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރަން ފުރުސަތު ހުޅުވާލައިފި އެވެ.
ދަ ޑިމޮކްރެޓްސްއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ޕާޓީގެ އިންޓެރިމް ކޮމިޓީން އިލެކްޝަންސް ކޮމިޝަންއާ ބައްދަލުކޮށް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ޑިމޮކްރެޓްސްގެ މެންބަރުންނަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތާއި ޕާޓީން އިދާރީ ގޮތުން ކޮށްދޭންޖެހޭ ކަންކަމާ ބެހޭގޮތުން މައުލޫމާތު ހޯދައި، އެކަމަށް ތައްޔާރުވެފައިވާ ކަމަށެވެ.
އެގޮތުން އިންތިހާބުގައި ވާދަކުރަން ބޭނުންވާ ދަ ޑިމޮކްރެޓްސްގެ މެމްބަރުންނަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އިއުލާނުގައިވެ އެވެ. މި އިންތިހާބުގައި އެޕްލިކޭޝަން ހުށަހެޅުމަށް އީސީން ވަނީ ޕޯޓަލެއް ގާއިމުކޮށްފަ އެވެ.
ޑިމޮކްރެޓްސް އިން ބުނީ އެ ޕާޓީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މި މަހުގެ 31 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އެއް ގޮނޑިއަކަށް ގިނަ ކެންޑިޑޭޓުން ޝައުގުވެރިކަން ފާޅުކޮށްފިނަމަ ޕްރައިމަރީއެއް ބާއްވާނެ ކަމަށްވެސް ބުނެފައިވެ އެވެ.
އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނީ އެ ދެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 1 އާ ހަމައަށް އޮންނާނެ ކަމަށެވެ. ސުންގަޑި ހަމަވާނީ އެ ދުވަހުގެ މެންދުރު ފަހު 3:30 އަށެވެ.
އިންތިޚާބަށް ކުރިމަތިލުމަށް ފޯމު ހުށަހެޅޭނީ، ރަސްމީ ގަޑިތަކުގަ އެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން 3:30 އަށް ފޯމް ބަލައިގަންނާ ނެއެވެ. އަދި ހުކުރު ދުވަހު 3:30 އިން 6:00 އަށް ވެސް ފޯމް ބަލައިގަންނާނެ އެވެ.
ދެ އިންތިޚާބަށް ވެސް ކުރިމަތިލާން ހުށަހަޅާނީ އީސީގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށެވެ. އަދި ދައްކަން ފަރާތްތަކުން ދައްކަން ޖެހޭ އިދާރީ ފީ ވެސް ދައްކާނީ ޕޯޓަލް މެދުވެރިކޮށެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އެޕްރީލް މަހުގެ 4 ގަ އެވެ.