Last Updated: July 10, 17:12
Friday, July 10, 2026
ޚަބަރު

މާލެ އަށް ބޭނުން ވަނީ ރައީސްގެ ސްޕީޑުގެ މޭޔަރެއް

މާލޭ ސިޓީއަށް ބޭނުންވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕީޑުގައި މަސައްކަތް ކުރެވޭނެ ފަދަ މޭޔަރެއް ކަމަށް، ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ފަރާތުން މާލެ ސިޓީ ކައުންސިލްގެ މާޔަރުކަމަށް ވާދަކުރައްވާ ކެނޑިޑޭޓް، ރިޓަޔަޑު މޭޖާ ޖެނެރަލް މޫސާ އަލީގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރައްޔިތުން އިހުތިޔާރު ކުރަންވީ ގައުމު ދެކެ ލޯބިވާ ވެރިން ކަމަށާއި އަދި ރައްޔިތުން ބޭނުންވަނީ ރައީސް މުއިއްޒުގެ ސްޕީޑާއި ހިދުމަތާއި އެއްވަރަށް އެމަނިކުފާނަށް އެހީތެރިވެދޭނެ ބޭފުޅެއް ކަމަށެވެ.

އަދި ސަރުކާރުގެ ކަންކަމަށް ހުރަސްއަޅައި، ޖަވާބުދާރީ ކުރުވާށޭ ބުނެ މަސައްކަތްތަކަށް ދަތިކުރާނެ ބަޔަކު މިއަދު ބޭނުންނުވާ ކަމަށްވެސް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ ސިޓީ ކައުންސިލްތަކުން ބޭނުންވަނީ ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ޚިދުމަތްކޮށް، ކަންކަން މަގުފަހިކޮށްދޭނެ ވެރިންތަކެއް ރައީސުލްޖުމްހޫރިއްޔާ ވެސް ބޭނުންފުޅުވާ ކަމަށެވެ.

"މި ސިޓީގައި މައްސަލަތައް ތަންމިނަށް އެބަހުރި. ކާރުބާރު ބޮޑުވުމާއި، އަމާންކަމާއި ސުލްހަމަސަލަސްކަމުގެ މައްސަލަތައް އެބަހުރި. މާލެއަކީ ރާއްޖޭގެ ރައްޔިތުން އެންމެ ގިނައިން ޒިޔާރަތްކުރާ ތަނަށްވާއިރު، މިތަނަކީ އަމާންކަމާއެކު ހިނގާބިނގާވެ އުޅެވޭ، ދުއްވުމުގެ ހަމަތަކާއި އުސޫލުތައް ހިފެހެއްޓިފައިވާ ތަނަކަށް ވާންޖެހޭ،" ނާއިބް ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވަނީ މޫސާ ޢަލީ ޖަލީލް އާއި ޕީއެންސީގެ ފަރާތުން ކުރިމަތިލައްވާފައިވާ ކެނޑިޑޭޓުންނަށް ވޯޓު ދެއްވުމަށް މާލޭގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. އެމަނިކުފާނު ވިދާޅުވީ މޫސާ ޢަލީ ނިކުމެވަޑައިގެން ހުންނެވީ ވަރުގަދަ ޓީމަކާ އެކުގައި ކަމަށާއި، އެއީ ރައީސް މުއިއްޒުގެ ތަރައްޤީގެ ތަޞައްވުރު ތަންފީޒު ކުރެވޭނެ ބޭފުޅުން ކަމަށެވެ.