ރައްޔިތުންގެ ހިދުމަތުގައި 24 ގަޑިއިރު ތައްޔާރަށް ހުންނަވާނެ ކަމަށް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ މާލޭ މޭޔަރު ކެންޑިޑޭޓު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލު ވިދާޅުވެއްޖެ އެވެ.
ޖަލީލުގެ ކެމްޕޭން ޖަގަހަ ހުޅުވަން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އޭނާ ވިދާޅުވީ މިހާތަނަށް ހަވާލުވި ކޮންމެ މަސްއޫލިއްޔަތެއްގައި ވެސް އިސްކުރައްވާފައިވާނީ ގައުމުގެ މަސްލަހަތާއި ރައްޔިތުންނަށް ލާބަ އާއި މަންފާ ލިބޭ މަގު ކަމަށާއި މާލޭ ސިޓީގެ މޭޔަރަކަށް ވެސް ނުކުންނަނީ މި ރޫހުގައި، މި އަޒުމުގައި ކަމަށެވެ.
"ތިޔަ ލޮބުވެތި ރައްޔިތުންގެ ހިދުމަތުގައި އަޅުގަނޑު ހުންނާނީ 24 ގަޑިއިރު ތައްޔާރަށް. ގައުމީ ހިދުމަތް، ރޭދުވާ ހޭދަކޮށްގެން ދޭނީ ރައްޔިތުންގެ މުހުތާދުތައް ފުއްދައިދިނުމާއި މާލޭ ސިޓީއަށް މާ ޗާލު، މާ އުފާވެރި، މާ ހިތްގައިމު، އާ ޒަމާނެއް ހޯދައިދިނުމަށް،" ޖަލީލު ވިދާޅުވި އެވެ.
ޖަލީލު ވިދާޅުވި ގޮތުގައި ހިދުމަތުން ރިޓަޔާ ކުރެއްވިޔަސް ކަންކަން ކުރާނެ ހިތްވަރާއި ތަޖުރިބާ އަދިވެސް އެބަހުރި ކަމަށެވެ.
"އަޅުގަނޑުމެންގެ ހަށިގަނޑުގައި އަދިވެސް ހިތްވަރާއި ފަންވަރު އެބަހުރި. އަދި ހިދުމަތުގެ ތަޖުރިބާ ހުރި، އަޅުގަނޑު ކަހަލަ ހީވާގި ލީޑަރެއްގެ ފަހަތުގައި މަސައްކަތްކޮށްލަން އަތުކުރި އޮޅާލަންވީ ވަގުތު މި އައީ ރައީސް މުއިއްޒުގެ އަރިހުގައި މަސައްކަތްކުރަން އަޅުގަނޑުމެން ނުކުމެެގެން." ޖަލީލު ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އެޕްރީލް މަހުގެ 4 ގަ އެވެ.