ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވަނީ މާލޭ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ހޮވަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން އާދަމް އާޒިމް ވާދަކުރައްވާއިރު، ޕީއެންސީގެ ފަރާތުން މޭޔަރު ކަމަށް ވާދަކުރައްވަނީ ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލް އެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ރޭ ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ޖަލީލަކީ ޚިދުމަތްތެރި، ޝަރަފުވެރި، ނަމޫނާ ބޭފުޅެއް ކަމަށާއި މާލޭގެ މޭޔަރުކަމަށް ވަޑައިގަތުމަށް ޕީއެންސީން އެރުވި ފުރުސަތު ގަބޫލުކުރުމުން ހިތާމަކުރައްވާ ކަމަށެވެ. އަދި ޕީއެންސީން ޖަލީލު ބޭނުންކުރަނީ ކަތިލާ ކަންބަޅިއެއްގެ ގޮތުގައި ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
"ޖަލީލަކީ ކަތިލާ ކަންބަޅިއެއް، މުޢިއްޒު ބޭނުންވަނީ އާދަމް ޢާޒިމް ހޮވެން، އެހެންވީމާ ހަމަ އެ ސަބަބަށް ޓަކައި މާލެ ސިޓީ ކައުންސިލަށް ކުރިމަތިލައިގެން އުޅޭ ހުރިހާ ޕީއެންސީގެ ކައުންސިލަރުންނަށް އަންގައިފި މޫސާ ޖަލީލާއެކީ ކަލޭމެން ފޮޓޯނަގައިފައި ޕޯސްޓަރު ހަދައިގެން ނުވާނެއޭ،" ޔާމީން ވިދާޅުވި އެވެ.
މީގެއިތުރުން ޔާމީން ވަނީ މާލޭގެ ކުރިމަގަށް ރާވާފައިވާ ކަންކަން ކުރަން އެ މަނިކުފާނަށް ފުރިހަމަ އަށް އެއްބާރުލުން ދޭނެ ޓީމެއް ލޯކަލް ލެވެލްގައި ބޭނުންފުޅުވާ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ދާދިފަހުން ދެއްކެވި ވާހަކަތަކަށް ވެސް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ޔާމީން ވަނީ އެއީ ޑިމޮކްރަސީއަށް އަހުލުވެރިކަމެއްނެތް، ވެރިކަމުގެ ވައްޓަފާޅިއެއް ނެތް އަދި ހުދުމުޚުތާރު ސިފައެއްގެ ވާހަކައެއް ކަމަށް ވިދާޅުވެފަ އެވެ.
"މި ދައްކަނީ، ކައުންސިލު އޮތަސް ނެތަސް ރައްޔިތުން ބޭނުންވާ ތަރައްގީ ރައްޔިތުންނަށް ގެނެސްދޭންވާނެ،" ޔާމީން ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އެޕްރީލް މަހުގެ 4 ގަ އެވެ.