މުބާރާތް ބޭއްވި މޮރޮކޯ 1-0 އިން ބަލިކުރުމަށްފަހު އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން ސެނެގާލް އިން ހޯދައިފި އެވެ.
މިއީ ސެނެގާލް އިން އެފްރިކަޕް ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން ހޯދި ދެވަނަ ފަހަރެވެ. އެޓީމުން މި މުބާރާތް އެންމެ ފުރަތަމަ ކާމިޔާބުކުރީ 2021 ވަނަ އަހަރު އެވެ.
މޮރޮކޯ އިން ރޭ ނިކުތީ 1976 ވަނަ އަހަރަށް ފަހު މި މުބާރާތުގެ ތަށި ހޯދުމަށެވެ. އެގޮތުން މޮރޮކޯ އަށް ތަށި ހޯދައިދޭން މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޕެނަލްޓީއެއް ލިބުނު ނަމަވެސް މޮރޮކޯގެ ބްރަހިމް ޑިއާޒް ޖެހި ޕެނަންކާ ޕެނަލްޓީ ދިޔައީ، ސެނެގާލް ކީޕަރު އެޑޮއާޑް މެންޑީ އަތަށެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު އިތުރު ވަގުތުގެ 15 މިނެޓްގެ ފުރަތަމަ ހާފު ފެށުނުތަނާހެން ސެނެގާލަށް ކާމިޔާބުކޮށްދިނީ ޕާޕޭ ގޭއި އެވެ. މޮރޮކޯ އަށް އެއްވަރުކޮށްދޭން ނައީފް އެގާޑް ޖެހި ބޯޅަ އަމާޒުވީ ހުރަސްދަނޑިއަށް އަމާޒުވިއިރު، އެޓީމުގެ ތަޖުރިބާކާރު ފޯވާޑް އެން ނެސީރީ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ސެނެގާލްގެ ކެޕްޓަން ސަޑިއޯ މާނޭ އެވެ. މި ފަހަރުގެ މުބާރާތުގެ އެންމެ މޮޅު ކީޕަަރަކީ، މޮރޮކޯގެ ޔާސީން ބޯނޯ ކަމަށްވާއިރު އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިއަކީ މޮރޮކޯގެ ޑިއާޒް އެވެ.