މުސްލިމަކަށްވާތީ ބޮލީވުޑުން މަސައްކަތް ލިބޭ މިންވަރު ވަރަށް މަދު ކަމަށް ބުނެ އިންޑިއާގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު/ލަވަކިޔުންތެރިޔާ އޭރްއާރް ރަހުމާން ދެއްކި ވާހަކަތަކާ ގުޅިގެން އިންޑަސްޓްރީގެ ބައެއް މީހުންގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.
އޮސްކާ އާއި ގޯލްޑެން ގްލޯބާއި ބަފްޓާ ފަދަ ބޭރުގެ އެވޯޑްތަކެއް ވެސް ހޯދާފައިވާ ރަހުމާން، 59، މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނީ ބޮލީވުޑަކީ ބައިބައިވުން ބޮޑު އިންޑަސްޓްރީއެއް ކަމަށާއި އެކަމާ ހުރެ ވަކި ބަޔަކު އެކަހެރިކޮށްލާ ކަމަށެވެެ. އަދި މިހާތަނަށް އަމިއްލަ އަށް ކުރެވުނު ތަޖުރިބާތަކަށް ބަލާ އިރު، އޭނަ އަކީ ވަކި ދީނެއް އަދި ވަކި ސަރަހައްދަކަށް ނިސްބަތްވާ ފަންނާނަކަށްތީ ތަފާތު ކުރުން އޮތް ކަމަށް ބުންޏެވެ.
ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކަށް މަޝްހޫރު އެތައް ލަވައެއް ހަދާފައިވާ ރަހުމާން ބުނީ އޭނަ ތަމަޅައަކަށްވެފައި މުސްލިމަކަށްވީތީ އެ އިންޑަސްްޓރީން މަސައްކަތް ލިބޭ މިންވަރު ވަރަށް މަދު ކަމަށެވެ. އެކަމަކު މަސައްކަތް ހޯދަން އާދޭސް ކުރަން ބޭނުން ނުވާ ކަމަށާއި އޭނަ އަކީ ވަރަށް ފުދިގެން އުޅޭ ފަންނާނެއް ކަމަށް ބުންޏެވެ.
"އަހަންނަކީ އަހަންނަށް އޮފާކުރާ މަސައްކަތް ކުރާނެ މީހެއް،" އިންޑިއާގެ އެންމެ ނުފޫޒު މިއުޒިޝަނުންގެ ތެރޭގައި ހިމެނޭ ރަހުމާން ބުންޏެވެ. "އެހެންވީމަ މަސައްކަތް ހޯދާކޮށް އާދޭސް ކުރަމުން އެއްވެސް ބައެއްގެ ފަހަތަކުން އަހަންނެއް ނުދާނަން."
އޭނަގެ މި ވާހަތަކާ ގުޅިގެން ފާޑުކީ މީހުންގެ ތެރޭގައި މަޝްހޫރު ޅެންވެރިޔާ ޖާވިދު އަހްތަރާއި ލަވަކިތުންތެރިޔާ ޝާން އާއި ބަތަލާ ކަންގަނާ ރަނާވަތުގެ އިތުރުން މަޝްހޫރު ލިޔުންތެރިޔާ ޝޯބާ ޑޭ ފަދަ ފަންނާން ހިމެނެ އެވެ. ރަހުމާންގެ ވާހަކަތައް ކުށްވެރިކޮށް އެ މީހުން ބުނެފައި ވަނީ ބޮލީވުޑަކީ ދީނަށް ބަލައިގެން މަސައްކަތްދޭ އިންޑަސްޓްރީއެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
އަދި އެ އިންޑަސްޓްރީ އަކީ އަބަދު ވެސް ހުރިހާ ބަޔަކަށް މަރުހަބާ ކިޔާ ވަރަށް ހުޅުވިފައި އޮތް އިންޑަސްޓްރީއެއް ކަމަށް ބުނެފައިވެ އެވެ.
ރަހުމާން މިއުޒިކް ހެދި މިދިޔަ އަހަރުގެ ބޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި "ޗާވާ" އާއި "ތެރެ އިޝްގް މޭ" ހިމެނެ އެވެ. މި ދެ ފިލްމަކީ ވެސް މިދިޔަ އަހަރުގެ އެންމެ ބޮޑެތި ހިޓްތަކުގެ ތެރޭގައި ހިމެނޭ ދެ ފިލްމެވެ. ރަހުމާންގެ މިއުޒިކަށް ބޮލީވުޑުން ސަމާލުކަން ހުއްޓިގެން ދިޔައީ 1995 ގެ ފިލްމު "ރަންގީލާ" އިންނެވެ. އޭގެ ފަހުން މިހާތަނަށް ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކަކަށް އޭނަ މިއުޒިކް ހަދައި ދީފައިވެ އެވެ.
މައިގަނޑު ގޮތެއްގައި ރަހުމާން މަސައްކަތް ކުރަނީ ތަމަޅަ އަދި ތެލެގޫ ފިލްމުތަކުގަ އެވެ.
އޭނަގެ ވާހަކަތަކާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ފަހުން ބުނެފައި ދެއްކި ވާހަކަތަކަކީ އެއްވެސް ބަޔަކަށް ކުޑައިމީސްކޮށް އަދި އެއްވެސް ބަޔަކަށް ނުރުހުންވެގެން ދެއްކި ވާހަކައެއް ނޫން ކަމަށެވެ.