Last Updated: June 6, 11:50
Saturday, June 6, 2026
ޚަބަރު

ޕިިކްނިކް އައިލޭންޑްތައް ހަދަން ކޮންސަލްޓަންޓެއް ހޯދަނީ

ކޮންމެ އަތޮޅެއްގައި ޕިކްނިކް އައިލޭންޑެއް ހަދަން ނިންމާފައިވާތީ އެކަމާ ގުޅޭ ކޮންސަލްޓަންސީ ދޭނެ ބަޔަކު ހޯދަން ސޯޝަލް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދަތުރު ދާނެ ހާއްސަ ރަށެއް ތަރައްގީކުރުމަށް ސަރުކާރުން ހިންގާ "ޕިކްނިކް އައިލެންޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް" ކޮންސަލްޓަންސީ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.

އެހެންވެ ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ މި މަހުގެ 28 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މި ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އާ ހަމައަށެވެ. ބީލަންތައް ހުޅުވަން އޮންނާނީ 28 ވަނަ ދުވަހުގެ ހެނދުނު 10:00 ގަ އެވެ.

ކޮންމެ އަތޮޅެއްގައި ޕިކްނިކް އައިލޭންޑެއް ތަރައްގީކޮށް ދެއްވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ އަހަރު އޮގަސްޓް މަހުގެ ތެރޭގައި އއ. އަތޮޅަށް ކުރެއްވި ދަތުރުގައި މަތިވެރީގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.

ޕިކްނިކް އައިލޭންޑެއްގެ ގޮތުގައި މިހާރު ތަރައްގީކޮށްފައިވާ އެންމެ ފާހަގަކޮށްލެވޭ ރަށަކީ ކުރީގެ ސަރުކާރުން މާލެ ސަރަހައްދުގެ ރައްޔިތުންނަށް ހާއްސަކޮށްގެން ހިއްކައިގެން ތަރައްގީކޮށް 2023 ގައި ހުޅުވި ކުޑަގިރި އެވެ.