Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ދިރާސީ އަހަރަށް ޓީޗަރުންގެ ދަތިކަމެއް ނެތް: ޝަފީއު

ދިރާސީ އާ އަހަރު ފަށަން ކައިރިވަމުން އަންނަ އިރު ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ހަމަޖެއްސުމުގައި އެއްވެސް ދަތި ކަމެއް ނެތް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި އޭނަ ވިދާޅުވީ އާންމު ޓީޗަރުން ހޯދަން ޖެހެނީ ބިދޭސީ ޓީޗަރުން ވަޒީފާއިން ވަކިވާ ނިސްބަތުން ކަމަށެވެ. އަދި 2،000 އަށް ވުރެ ގިނަ ބިދޭސީ ޓީޗަރުން ރާއްޖޭގައި ކިޔަވައިދޭ އިރު، 100-150 ޓީޗަރުންގެ މޫވްމަންޓެއް ކޮންމެ އަހަރަކު ވެސް އުޅޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ތެރޭގައި ވަޒީފާއިން ވަކިވުމާއި، އަދި ސްކޫލްތަކުގައި ދަރިވަރުން އިތުރުވާ މިންވަރަށް ވެސް ޓީޗަރުން ހޯދަން ޖެހެއެވެ.

ޝަފީއު ވިދާޅުވީ އެ ޢަދަދުތަކަށް ބޭނުންވާ ޓީޗަރުން މިހާރު ހަމަޖައްސާފައިވާ އިރު، އިތުރަށް ބޭނުންވެއްޖެ ޙާލަތުގައި ސްޓޭންޑްބައިގައި ވެސް ޓީޗަރުން ހޯދާފައި ތިބޭ ކަމަށެވެ.

"އެއަށް ވިސްނާފައި އަހަރަކު 400 އެއްހާ ޓީޗަރުން ސްޓޭންޑްބައިގައި ތިބޭނެ. އާދަޔާ ޚިލާފަށް މޫވްމަންޓެއް އަޔަސް، ގިނަވެގެން 5 ދުވަހުގެ ތެރޭގައި ޓީޗަރެއް ގެނެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ. "ސްކޫލަށް ނިކުންނަން އޮންނަ ދުވަހު ޓީޗަރު ރިޒައިންކޮށްފި ނަމަވެސް، ލަސްވެގެން ފަސް ދުވަސްތެރޭ ޓީޗަރެއް ލިބޭ ވަރަށް ކަންކަން ވާނީ ހަމަޖައްސާފައި."

އޭނަ ވިދާޅުވީ ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ހަމަޖެއްސުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި އެކަމުގައި އެއްވެސް ދައްޗެއް ނެތް ކަމަށެވެ.

ދިރާސީ އާ އަހަރު ފަށަން ހަމަޖެހިފައި ވަނީ މި މަހުގެ 27 ގަ އެވެ.