މިދިޔަ އަހަރު ރިލީޒްކުރާ ގޮތަށް އެންމެ ފުރަތަމަ އިއުލާންކުރި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ އާ ފިލްމު "ލަވް އެންޑް ވޯ" މި އަހަރަށް ފަސްކުރި ނަމަވެސް އެ ފިލްމު މި އަހަރު ވެސް ރިލީޒް ކުރުމުގެ ފުރުސަތެއް ނެތް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނީ ރަންބީރް ކަޕޫރާއި އޭނަގެ އަންހެނުން އާލިއާ ބަޓްގެ އިތުރުން ވިކީ ކޯޝަލް މައިގަނޑު ރޯލުތައް ކުޅޭ ފިލްމު މިހާރު އަންނަ އަހަރަށް ފަސްކޮށްފައިވާ ކަމަށެވެ. އެ ނޫހުން ބުނި ގޮތުގައި "ލަވް އެންޑް ވޯ" އަންނަ އަހަރަށް ފަސްކުރީ އަދިވެސް އޭގެ ޝޫޓިން ނިމިފައި ނުވާތީ ކަމަށެވެ.
އެގޮތުން ޝޫޓިން އެއްކޮށް ނިމޭނެ ކަމަށް ލަފާކޮށްފައި އޮތީ މި އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. މިދިޔަ ހަފުތާގައި މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަފުތާގެ ތެރޭގައި ވެސް "ލަވް އެންޑް ވޯ" ގެ ދެ ލަވައެއްގެ ޝޫޓިން ކުރިއަށް ގެންދަން ޕްލޭންކޮށްފައިވެ އެވެ.
ނަމަވެސް ފިލްމު އަންނަ އަހަރަށް ފަސްކުރިކަން ބަންސާލީ އަދި ކަށަވަރުކޮށެއް ނުދެ އެވެ. އެކަމަކު ޕީޑިއާތަކުން ބުނީ ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅު ނުވަތަ ފެބްދުއަރީ މަހުގެ މެދު ތެރޭގައު ކަމަށެވެ.
"ލަވް އެންޑް ވޯ" އަކީ އެ ފިލްމު އިއުލާންކުރީއްސުރެ ވަރަށް ގިނަ ބަޔަކު ކެތްތެރި ކަމެއް ނެތި ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އަންނަ ފިލްމެކެވެ. މި ފިލްމަކީ ބަންސާލީ 2022 ގައި އާލިއާއާ އެކު ގެނެސްދިން "ގަންގޫބާއީ ކަތިއަވާޅީ" އަށް ފަހު ހަދާ ފުރަތަމަ ފިލްމެވެ.
އެ ފިލްމަކީ އާލިއާ އަށް މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ވެސް ލިބުނު ފިލްމެކެވެ. ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ސްޕައި ޔުނިވާސް އަށް ނިސްބަތްވާ އާލިއާގެ "އަލްފާ" އަކީ ވެސް މިދިޔަ އަހަރުގެ ޑިސެމްބަރަށް ތާވަލު ކުރުމަށް ފަހު މި އަހަރަށް ފަސްކޮށްފައިވާ ފިލްމެކެވެ. އެކަމަކު އަދި ރަސްމީކޮށް ވަކި ތާރީހެއް ނެތެވެ.
ރަންބީރް މި އަހަރު ފެންނާނެ ފިލްމަކީ އޮކްޓޯބަރަށް ތާވަލުކޮށްފައި އޮތް ޑައިރެކްޓަރު ނިތޭޝް ތިވާރީގެ ހުރާފީ ފިލްމު "ރާމާޔަން" ގެ ފުރަތަމަ ބައެވެ.
"ލަވް އެންޑް ވޯ" އަންނަ އަހަރަށް ފަސްކުރިކަމުގެ ވާހަކަތަކެއް ދެކެވެން ފެށި އިރު، ވިކީގެ އެހެން ފިލްމެއް މި އަހަރު ގެންނާކަށް އަދިއެއް ނެތެވެ.