ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. ކޮންމެ އިންސާނަކަށް ވެސް ދިރިއުޅުމަށް ހިޔާވަހިކަމެއް ބޭނުންވެ އެވެ. ޤާނޫނުއަސާސީން ކަށަވަރުކޮށް ދީފައިވާ އަސާސީ ޙައްޤެއް ކަމަށްވާ ބޯހިޔާވަހިކަމުގެ ޙައްޤު ރައްޔިތުންނަށް ފުރިހަމައަށް ލިބިދިނުމަށްޓަކައި، އެކަން ތަންފީޒު ކުރާނެ ވަކި ޤާނޫނެއްގެ މުހިންމުކަން މިހާރު ވަނީ ވަރަށް ބޮޑަށް އިހުސާސް ކުރެވިފަ އެވެ.
ރާއްޖޭގައި ސަރުކާރުތައް ބަދަލުވަމުންދާއިރު، ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމުގެ ނަމުގައި ކުރެވެމުންދާ ކަންކަމަކީ ވަރަށް ނާތަހުޒީބު އުސޫލުތަކެއްކަން ފާހަގަ ކުރެވެ އެވެ. ވެރިކަމުގައި ތިބޭ ފަރާތްތަކުން އެ މީހުންނަށް ތާއީދުކުރާ، ނުވަތަ އެމީހުން ބޭނުންވާ ބަޔަކަށް ގޯއްޗާއި ފްލެޓް ބެހުމަކީ މިހާރު އާދަކާދައެއްގެ ގޮތުގައި ވެފައިވާ ކަމެކެވެ. މިއީ ރައްޔިތުންގެ މެދުގައި ތަފާތުކުރުންތައް އުފައްދައި، ބައެއް ފަރާތްތައް މަޙުރޫމްކޮށްލާ އަނިޔާވެރި އުސޫލެކެވެ. މިފަދަ ނާތަހުޒީބު އުސޫލުތަކަށް ނިމުމެއް ގެނައުމަކީ އަދުލުވެރި މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ޤާނޫނުއަސާސީގެ 23ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ ކޮންމެ މީހަކަށްވެސް ބޯހިޔާވަހިކަމުގެ ޙައްޤު ލިބިގެންވާ ކަމަށެވެ. ނަމަވެސް، މި ޙައްޤު ލިބިގަތުމުގެ އުސޫލުތަކާއި ކަންކުރާނެ ގޮތްތައް ބަޔާންކުރާ ވަކި ޤާނޫނެއް ނެތުމުގެ ސަބަބުން، ވެރިކަމުގައި ތިބޭ ފަރާތްތަކަށް ވަކިވަކި ފަރާތްތަކަށް އިސްކަންދީ، އަމިއްލަ އެދުމަށް ކަންކަން ކުރުމުގެ ފުރުސަތު ލިބިފައިވެ އެވެ.
ޤާނޫނުއަސާސީން ކަށަވަރުކޮށްފައިވާ މި ޙައްޤު ހަމަހަމަ އުސޫލުން އެންމެނަށް ކަށަވަރުކޮށް ދިނުމަށްޓަކައި، ބޯހިޔާވަހިކަމާ ބެހޭ ވަކި ޤާނޫނެއް އުފަން ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.
މިފަދަ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތްނުކޮށް ބޯހިޔާވަހިކަމުގެ ވާހަކަ ދެއްކުމަކީ ރައްޔިތުންގެ މަޖިލިސް މެމްބަރުންނަށް ލަދުވެތިކަމެކެވެ. ކޮންމެ އިންތިޚާބެއްގެ ކެމްޕޭން ތެރޭގައިވެސް، ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކުވެސް އެ ބޭފުޅުންގެ ކެމްޕޭންތަކުގައި ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ ވާހަކަ ދައްކަވައެވެ. އެކި ވައުދުތައްވެ، ރައްޔިތުންގެ ވޯޓް ލިބިވަޑައިގެން މަޖިލީހަށް ވަޑައިގެންނެވުނީމާ އެ ވައުދުތަކުގެ މަތިން ހަނދާނެއް ނުހުރެއެވެ. މަޖިލީހަށް ވަޑައިގެންނެވުމަށްފަހު، ރައްޔިތުންގެ އަސާސީ ޙައްޤެއް ކަމަށްވާ ބޯހިޔާވަހިކަން ކަށަވަރުކޮށް ދިނުމަށް އެއްވެސް މަސައްކަތެއް ކުރާތަނެއް ނުފެނެއެވެ. މިފަދަ އަމަލުތަކަކީ ރައްޔިތުންގެ އިތުބާރު ގެއްލުވާލާ، ނިކަމެތި ރައްޔިތުން ބިކަކުރާ ކަންކަމެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ އަކީ އެއް ސަރުކާރުން އަނެއް ސަރުކާރަށް ސިޔާސީ ހަތިޔާރަކަށް ވެފައިވާ ނޭދެވޭ މައްސަލައެކެވެ. މި މައްސަލަ ޙައްލުކުރުމަށްޓަކައި ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ، ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމަކީ އެންމެ މުހިންމު މަސައްކަތެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ވާޖިބަކީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި ޤާނޫނު ހެދުމެވެ. ވީމާ، ޤާނޫނުއަސާސީން ކަށަވަރުކުރާ ބޯހިޔާވަހިކަމުގެ ޙައްޤު ހަމަހަމަކަމާއެކު އެންމެނަށް ލިބިދިނުމަށްޓަކައި، ބޯހިޔާވަހިކަމާ ބެހޭ ވަކި ޤާނޫނެއް އަވަހަށް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގޮވާލަމެވެ.
މި ޤާނޫނަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް ހަމަޖެހޭ ދިރިއުޅުމެއް ހޯދައި ދިނުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވާނެ އެވެ.