Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ތެލަސީމިއާ ބަލީގެ މީހަކު ނެތީ ވ. އަތޮޅުގައި

ރާއްޖޭގައި ތެލެސީމިއާ ބަލީގެ މީހަކު ނެތް ހަމަ ހަމައެކަނި އަތޮޅަކީ ވ. އަތޮޅުގައި ކަމަށް މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެތަނުގެ ރެކޯޑްތައް ދައްކާ ގޮތުން މި މަހު 10 އާ ހަމައަށް ތެލެސީމިއާ ދަފްތަރުގައި 650 މީހުން ރަޖިސްޓްރީކޮށްފައިވާ އިރު، އޭގެ ތެރޭގައި 11-20 އަހަރާ ދެމެދުގެ 215 ކުދިން ހިމެނެ އެވެ.

އާބާދީގެ ނިސްބަތުން ތެލެސީމިއާ މީހުން އެންމެ ގިނައީ، ނ އަތޮޅުގަ އެވެ. އެ އަތޮޅުގެ 13 ރަށަކުން 53 މީހުން ތެލެސީމިއާ ދަފްތަރުގައި ރަޖިސްޓްރީވެފައިވެ އެވެ. ލ. އަތޮޅުގައި 43 ތެލެސީމިއާ މީހުން ތިބި އިރު، ފ. އަތޮޅުގައި 18 މީހަކު އެބަތިއްބެވެ.

ވ. އަތޮޅުގައި ތެލެސީމިއާ ބަލީގެ އެއްވެސް މީހަކު ނެތް އިރު، މ. އަތޮޅުގައި އެ ބަލީގެ ތިން މީހަކު އުޅެއެވެ.

މިދިޔަ ތިން އަހަރަށް ބަލާއިރު، އެންމެ ގިނައިން އަލަށް ތެލެސީމިއާ ދަފްތަރުގައި ޖެހުނީ، 2024 ގަ އެވެ. އެ އަހަރު އެކަނި 18 މީހަކު ތެލެސީމިއާ ދަފްތަރުގައި އަލަށް ރަޖިސްޓްރީވި އެވެ. އިއެގޮތުން ފާއިތުވި ތިން އަހަރު ޖުމްލަ 40 މީހަކު އަލަށް އެ ދަފްތަރުގައި ރަޖިސްޓްރީވެފައިވެ އެވެ.

ތެލަސީމިއާ ކޮންޓްރޯލް ކުރަން ރާއްޖޭގައި އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެ ބައްޔަށް މީހުން ހޭލުންތެރި ކުރުވަން ގިނަ މަސައްކަތްތަކެއް މިހާތަނަށް ކޮށްފައިވެ އެވެ.

ސަރުކާރުން އަންނަނީ ތެލަސީމިއާ ބަލީގެ މީހުން ރާއްޖެ އިން ބޭރަށް ފޮނުވައިގެން ބޯންމެރޯ ވެސް ހަދައިދެމުންނެވެ. އެގޮތުން ކޮންމެ އަހަރަކު 10 މީހަކު ފަރުވާ އަށް ފޮނުވަން ހަމަޖެހިފައިވެ އެވެ.