މި ދުވަސްވަރު މާލޭގައި ޑެންގީ ހުމާއި ބޭރަށް ހިންގުމާއި އަރިދަފުސް ރޯގާ ވެސް އިތުރުވާތީ، އެކަމަށް ސަމާލުވާން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭ އިން ބުނީ ރާއްޖޭގެ އެކި ހިސާބުތަކުން ޑެންގީ ހުމާއި ނޭވާލާ ނިޒާމުގެ ބަލިތައް ޖެހިގެން ރިޕޯޓުކުރާ މީހުންގެ އަދަދު މި ދުވަސްވަރު ވަނީ އިތުރުވެފައި ކަމަށާއި އަދި މާލެ ސަރަހައްދުގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާ ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ.
އެގޮތުން ހުރިހާ ފަރާތްތަކަކުން ވެސް މިކަންކަމުން ރައްކާތެރިވެ ތިބުމަށާއި، ބަލިތައް އިތުރަށް ފެތުރުނަ ނުދިނުމަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ ގިނަ ކަންތައްތަކެއް އެޗްޕީއޭގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. އޭގެ ތެރޭގައި ރައްކާތެރި ބޯފެން ބޭނުންކުރުމާއި، ކާބޯތަކެތި ތައްޔާރުކުރުމގެ ކުރިންނާއި ކެއުމުގެ ކުރިން އަދި ފާޚާނާ ކުރުމަށްފަހު އާއި ނެޕީ ބަދަލުކުރުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތް ދޮވުމުގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަމަށް ސަމާލުކަން ދިނުން ހިމެނެއެވެ.
އެޗްޕީއޭ އިން ބުނީ ޑެންގީ ހުން ފެތުރުން އަވަސްކަމަށް ފާހަގަ ކުރެވިފައިވާ ކަމަށާއި، ހުމުގެ އަސަރެއްކޮށްފި ނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އިރުޝާދު ހޯދުމަށެވެ.
ހުން ޖެހިގެން ކެއްސައި ކިބިހި އަޅާ ނަމަ އަގަމަތި ނިވާކުރުމާށާއި ބޭނުންކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ހާމަޔަށް އެއްލާނުލުމަށާއި، ހުމާއި ރޯގާގެ އެއްވެސް އަލާމަތެއް ފެނިއްޖެ ނަމަ މާބަނޑު މީހުން އަދި ބޮޑެތި ބަލިތައް ޖެހިފައިވާ މީހުން ލަސްނުކޮށް ޑޮކްޓަރަށް ދެެއްކުމަށް ވެސް ހެލްތު ޕޮރޮޓަކްޝަން އެޖެންސީ އިން ވަނީ ބުނެފަ އެވެ.