އިންޑިއާގެ ޒުވާން ތަރިން ކަމަށްވާ ސިދާންތު ޗަތުރަވެދީ އާއި މުރްނާލް ތާކޫރްގެ ޖޯޑު އެކީގައި ބޮޑު ސްކްރީނަށް ގެންނަން ހަމަޖެހިފައިވާ ފުރަތަމަ ފިލްމު"ދޯ ދީވާނޭ ސެހެރް މޭ" ގެ ޓީޒާ މިއަދު ދައްކާލައިފި އެވެ.
އަންނަ މަހުގެ 20 ގައި ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައިވާ މި ފިލްމަކީ މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސްރެއްގެ ގޮތުގައި ހިއްސާވާ ފިލްމެކެވެ. "ދޯ ދީވާނޭ ސެހެރް މޭ" ގެ ޑައިރެކްޓަރަކީ ރަވީ އުދިއަވަރެވެ. އޭނަ އަކީ މިދިޔަ 2024 ގައި ރިލީޒްކުރި ސިދާންތުގެ އެކްޝަން ތުރިލާ "ޔުދުރާ" ގެ ވެސް ޑައިރެކްޓަރެވެ. އަދި ކުރީގެ މަޝްހޫރު ބަތަލާ ސްރީދޭވީ ފަހު ފިލްމު ކަމަށްވާ 2017 ގެ ކްރައިމް ތުރިލާ "މޮމް" ގެ ޑައިރެކްޓަރަކީ ވެސް ރަވީ އެވެ.
ސިދާންތާއި މުރްނާލްގެ "ދޯ ދީވާނޭ ސެހެރް މޭ" އަކީ މި ޒަމާނުގެ ތަފާތު ޒުވާން ލޯބީގެ ވާހަކައެއް ކިޔައިދޭނެ ފިލްމެކެވެ.
ސިދާންތު، 32، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ދަޅަކް 2" އެވެ. މުރްނާލް، 33، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ސަން އޮފް ސަރުދާރު 2" އެވެ.