Last Updated: June 6, 10:42
Saturday, June 6, 2026
ޚަބަރު

ބަރުދަން ލުއިވާނެ ކަމަށް ބުނެ ބޭހެއް ވިއްކާތީ އިޒާރެއް

ހުއްދަ ނުނަގައި އެކި ކަންކަމަށް ބޭނުންކުރާ ބޭސް އެތެރެކޮށްގެން ވިއްކަމުންދާ ކަމަށާއި، ހާއްސަކޮށް ބަރުދަން ލުއިކުރުމުގެ ނަމުގައި ނުރައްކާތެރި ބޭހެއް ވިއްކަމުންދާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެތަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހުރިހާ ބޭހެއް ވެސް ރާއްޖެ އަށް އެތެރެ ކުރެވޭނީ އެކަމަށް ބޭނުންވާ އުސޫލުތަކުގެ ދަށުން ރަޖިސްޓްރީކޮށް، އެ އޮތޯރިޓީން ހުއްދަ ދީފައިވާ ބޭސް ލިސްޓުގައި ހިމެނޭ ބޭސް އެކަނި ކަމަށެވެ. ނަމަވެސް ހުއްދަ ނުނަގައި ތަފާތު އޮންލައިން ޕޭޖްތަކުގައި ބޭސް އިޝްތިހާރުކޮށް ވިއްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ބުންޏެވެ.

އެގޮތުން، ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކުރުމަށް ބޭނުންކުރާ 'ސެމަގްލުޓައިޑް' ނަމަކަށް ކިޔާ ބޭހަކީ ބަރުދަން ލުއިކުރާ ބޭހެއް ކަމަށާއި، ހަމުގެ މައްސަލަތަކުގައި ބޭނުންކުރާ 'އެޒެލެއިން އެސިޑް 'އަކީ މޫދުގެ ހަންގަނޑު ރީތިކޮށް އަލިކުރާ ބޭހެއް ކަމަށް ބުނެ، އޮންލައިން ޕޭޖްތަކުގައި އިޝްރިހާރުކޮށް، ވިއްކަމުންދާ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.

އެތަނުން ބުނީ މިފަދަ ބޭސްތަކަކީ ކޮންމެހެން ބޭނުން ކުރަން ޖެހޭ ހާލަތުގައި އެކަމެއްގެ ހާއްސަ ޑޮކްޓަރު ލިޔެދިނުމުން ނޫނީ ބޭނުންކޮށްގެން ވާނެ ބޭސްތަކެއް ނޫން ކަމަށެވެ.

"އަދި ފާމަސީތަކު ވެސް މިފަދަ ބޭސްތައް ދޫކުރެވޭނީ ޑޮކްޓަރުން ލިޔެދީފައިވާ ބޭސްސިޓީތަކަށް." އެ ބަޔާނުގައި ބުންޏެވެ.

އަދި އެފަދަ ބޭސްތައް އެގޮތަށް ބޭނުންކޮށްގެން ހީވެސް ނުކުރާ ފަދަ ހިތާމަވެރި ހާދިސާއެއް ހިނގައިފާނެ ކަމަށާއި ހުއްދަ ނުނަގައި އެގޮތަށް ބޭސް ވިއްކާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް އެމްއެފްޑީއޭ އިން ދީފައިވެ އެވެ.