އަތޮޅު ތެރޭގެ 56 ރަށެއްގެ ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ އެމްބިއުލާންސްތައް އެ ރަށްކަށް ފޮނުވުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އިން ފަށައިފި އެވެ.
އެމްޕީއެލުން ބުނީ، މިނިސްޓްރީ އޮފް ހެލްތުން ޙަވާލުކޮށްގެން އެ ކުންފުނިން ރާއްޖެ ގެނައި އެމްބިއުލަންސްތައް ރަށްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ހެލްތުން ވަނީ 56 ރަށަކަށް އެމްބިއުލާންސް ފޮނުވުމަށް އެމްޕީއެލްއާ ހަވާލުކޮށްފަ އެވެ.
މިވަގުތު އެމްބިއުލަންސްގެ ޚިދުމަތް މެދުކެނޑިފައިވާ ރަށްތަށް ފާހަގަކޮށް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 56 އެމްބިއުލަންސް ގެނައުމަށް އެމްޕީއެލްއާ ހަވާލުކުރީ މިދިޔަ އަހަރު އެވެ.
ތިން ބުރަކަށް ބަހާލައިގެން އެމްޕީއެލް އިން ވަނީ މި މަހުގެ ތެރޭގައި ހުރިހާ އެމްބިއުލަންސް ރާއްޖެއަށް ގެނެސްފަ އެވެ.
ހެލްތު މިނިސްޓްރީން ބުނީ މި އެމްބިއުލާންސްތަކުގެ އިތުރަށް މިއަހަރުގެ ތެރޭގައި އިތުރު 31 ރަށަކަށް ބޭނުންވާ އައު އެމްބިއުލާންސްތަކަކާއި، މާލޭ ސަރަހައްދާއި ސިޓީތަކުގައި ޕެރަމެޑިކް ޚިދުމަތް ދިނުމަށް އެތަންތަނަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް ގެނެވި އެ ޚިދުމަތްވެސް ފެށިގެންދާނެ ކަމަށެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް ދެމެހެއްޓެނިވި ގޮތުގައި އެމްބިއުލަންސްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ މުހިއްމު އަމާޒެކެވެ.