Last Updated: June 8, 21:45
Tuesday, June 9, 2026
ޚަބަރު

ބީބީއެންޖީ މުއާހަދާ އަށް އަމަލުކުރަން ފަށައިފި

މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމާ އަދި ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާގުޅޭ މުއާހަދާ (ބީބީއެންޖޭ މުއާހަދާ) އަށް އަމަލުކުރަން ފަށައިިފ އެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އިން ބުނީ މި މުޢާހަދާއަކީ ކަނޑުތައް ބެލެހެއްޓުމުގެ ނިޒާމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ރާއްޖެއިން ފަޚުރުވެރިކަމާއެކު ފާހަގަކުރާ ކަމަށެވެ. މިއީ ދުނިޔޭގެ ކަނޑުތަކުގެ ބޮޑުބައެއް ހިއްސާކުރާ، އެއްވެސް ޤައުމެއްގެ އިޚުތިޞާޞް ނުހިނގާ ސަރަޙައްދުތަކުގެ ދިރުންތައް ހިމާޔަތްކުރުމަށް އެޅުނު ވަރުގަދަ ފިޔަވަޅެއް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މި މުނާސަބަތުގައި ރާއްޖެއިން ވަނީ ކަނޑުގެ މާޙައުލާއި ދިރުންތައް ރައްކާތެރިކުރުމަށާއި، ދިރޭތަކެތީގެ ނަސްލުތަކުގެ މުއްސަނދިކަން ދެމެހެއްޓުމަށް ކުރާ މަސައްކަތްތަކުގައި ސާބިތުވެ އޮންނާނެކަމުގެ އަޒުމް އާކޮށްފަ އެވެ. އަދި ކަނޑުގެ ވަސީލަތްތަކުން ލިބޭ ފައިދާ، ހުރިހާ ޤައުމުތަކެއްގެ މެދުގައި ހަމަހަމަކަމާއެކު ބެހިގެންދާނެ މަގުފަހިކުރުމަކީ ރާއްޖެއިން އިސްކަންދޭ މުހިންމު ކަމެއްކަން ވަނީ ހާމަކޮށްފަ އެވެ.

މީގެ އިތުރުން، މި މުޢާހަދާގެ ދަށުން ކަނޑުގެ ޚާއްޞަ ސަރަޙައްދުތައް ކަނޑައަޅައި، އެތަންތަން ހިމާޔަތްކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރުމަށް ކަމަށާއި އަދި ބައިނަލްއަޤުވާމީ މުޖުތަމަޢާއެކު ބަދަހި އެއްބާރުލުން ޤާއިމުކޮށް، އަންނާން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި މުސްތަޤުބަލެއް ކަށަވަރުކޮށްދިނުމަށްޓަކައި، ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމުގައި ރާއްޖެއިން އަބަދުވެސް އިސްނަގައިގެން މަސައްކަތް ކުރަމުންދާނެ ކަމަށް މިނިސްޓްރީން ހާމަކުރެ އެވެ.

ރާއްޖެ ފަދަ ކަނޑުގެ މާޙައުލަށް ބަރޯސާވެފައިވާ ޖަޒީރާ ޤައުމަކަށް، މިފަދަ ބައިނަލްއަޤުވާމީ މުޢާހަދާއަކަށް ޢަމަލުކުރަން ފެށުމަކީ ތިމާވެށީގެ ގޮތުންނާއި އިޤްތިޞާދީ ގޮތުން ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.