Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

"އޭވިއޭޝަން ސެކިއުރިޓީއަށް މިއަދު ވަރަށް ބޮޑު އަހައްމިއްޔަތެއް ދޭން ޖެހޭ"

އޭވިއޭޝަން ސެކިއުރިޓީ އަށް މިއަދު ވަރަށް ބޮޑު އަހަންމިއްޔަތެއް ދޭން ޖެހިފައިވާ ކަމަށް ރައީސް ޑރ. މުޙަންމަދު ވަޙީދު ވިދާޅުވެއްޖެ އެވެ.

އޭވިއޭޝަން ސެކިއުރިޓީ އިފުތިތާހު ކުރުމަށް މިއަދު ހެނދުނު އިސްލާމީ މަރުކަޒުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ރައީސް ވިދާޅުވީ ރާއްޖެއަކީ ނިސްބަތުން ކުޑަ ޤައުމެއް ކަމަށްވިޔަސް، ރާއްޖެއަށް ކުރިމަތިވެފައިވާ ސަލާމަތީ ގޮންޖެހުންތަކާ ނުރައްކާތައް މަދު ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ ވަރަށްގިނަ އެއަލައިންތައް ރާއްޖެ އަށް މިއަދު ދަތުރު ކުރަމުން އަންނަ ކަމަށާއި، މީގެ ކުރިން ދުވަހަކު ވެސް ރާއްޖެ ނާންނަހާ ގިނަ ޢަދަދެއްގެ ޕްރައިވެޓް ޖެޓްތައް ވެސް ރާއްޖެއަށް އަންނަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީގެ ދާއިރާ މިހާތަނަށް އޮތީ އެހާ ބޮޑަށް ސަމާލުކަން ނުދެވޭ ދާއިރާއެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެން ނަމަވެސް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އުފެދުމުން، ރާއްޖޭގެ ވައިގެ ދަތުރު ފަތުރުގެ ސަލާމަތީ ކަންކަން، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން ތަރައްޤީކޮށް ބެލެހެއްޓުމަށް މަގުފަހިވެގެން ދާނެ ކަމަށާއި، މި ދާއިރާ ކުރިއަރުވައި ތަރައްޤީ ކުރުމަށް މަސައްކަތްކުރުމުގެ ފުރުޞަތު ވެސް އިތުރުވެގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ޤައުމީ ސަލާމަތާއި އިޤްތިޞާދީ ތަރައްޤީ، އޭގެ މައްޗަށް ބިނާވެފައިވާ އަނެއް ދާއިރާއަކީ، ރާއްޖެ އަށް މީހުންނާއި މުދާ އެތެރެވާ ކަނޑުގެ ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަމަށް ވިދާޅުވެ، މިއީ ވެސް ކުރިއަށް އޮތް ތަނުގައި ޚާއްޞަ ސަމާލު ކަމެއް ދީގެން ތަރައްޤީ ކުރުމަށް މަސައްކަތް ކުރަން ޖެހޭ ދާއިރާއެއްކަން ފާހަގަކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި ނޭޝަނަލް އޭވިއޭޝަން ސެކިޔުރިޓީ ސްޓްރެޓެޖީ އަދި އޭވިއެޝަން ސެކިޔުރިޓީ ކޮމާންޑްގެ މާސްޓަ ޑިވެލޮޕްމަންޓް އެކްޝަން ޕްލޭން ނެރުއްވައި ދެއްވީ ވެސް ރައީސްއެވެ.

ރާއްޖޭގެ ނޭޝަނަލް އޭވިއޭޝަން ސެކިއުރިޓީ ސްޓްރެޓެޖީއަށް ބައްލަވާލައްވަމުން ރައީސް ވިދާޅުވީ މިއީ، އަޅުގަނޑުމެންގެ މަސައްކަތްތައް ބައްޓަން ކުރުމަށް މަގުފަހިކޮ ށްދޭނެ ސްޓްރެޓެޖީއެއް ކަމަށް ވިދާޅުވި އެވެ.
އަދި މި ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް، މި ސްޓްރެޓެޖީ ވަރަށް ބޮޑަށް އެހީތެރި ވެދޭނެ ކަމަށާއި، މިދާއިރާގެ ހުރިހާ ސްޓޭކްހޯލްޑަރުން ގުޅިގެން އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ ފުރުޞަތު ވެސް ހުޅުވިގެން ދާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި، އޭވިއޭޝަން ސެކިޔުރިޓީ ކޮމާންޑްގެ ވެބްސައިޓް، ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވި އެވެ. އަދި އޭވިއޭޝަން ސެކިޔުރިޓީ ޔުނިޓުގެ ވެރިންގެ ގޮތުގައި ޚިދްމަތް ކޮށްދެއްވާފައިވާ ބޭފުޅުންނަށް ރައީސް ހަނދާނީ ފިލާ ދެއްވި އެވެ.